5 ފެބްރުއަރީ 2018 ވަނަ ދުވަހުގެރޭ އެއްވެސް ފަރާތެއް ބަންދުކުރުމަށް ނުވަތަ ޖަލަށް ލުމަށް ޙުކުމެއް ކޮށްފައިނުވާނެ - ސުޕްރީމް ކޯޓު

5 ފެބްރުއަރީ 2018 ވަނަ ދުވަހުގެރޭ އެއްވެސް ފަރާތެއް ބަންދުކުރުމަށް ނުވަތަ ޖަލަށް ލުމަށް ޙުކުމެއް ކޮށްފައިނުވާނެކަމަށް ދިވެހި ރާއްޖޭގައި ޢަދުލު އިންސާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.
5 ފެބްރުއަރީ 2018 ވަނަ ދުވަހުގެރޭ އެއްވެސް ފަރާތެއް ބަންދުކުރުމަށް ނުވަތަ ޖަލަށް ލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމެއް ނުވަތަ އަމުރެއްވިޔަސް ނެރެފައި ނުވާނެ ކަމުގައި ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށާއި އަދި އެންމެހައި ރައްޔިތުންނަށް އަންގާފައިވަނީ ސުޕްރީމް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައެވެ.
ސުޕްރީމް ކޯޓުން މިހެން ވިދާޅުވެފައިމިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓަށް ވަން ހުރިހާ ފުލުހުންނާއި ސިފައިން 15 ދުވަހަށް ޖަލަށް ލުމަށް އެވަގުތުން ވަގުތައް ޙުކުމް ކުރެއްވި ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައެވެ.
ސުޕްރީމް ކޯޓުގެ ބަޔާނުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަތައް ބަލައި ނިންމަންވާނީ އޮނަހިރި ޢަދަދެއްގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ މަޖިލީހަކުންކަމާއި ސުޕްރީމް ކޯޓުން ބަ ލާ ކޮންމެ މައްސަލައެއް ނިންމާންވާނީ މަދުވެގެން އެ މައްސަލައެއް ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުންކަން ޤާނޫނުއަސާސީގެ 141 ވަނަ މާއްދާއާއި 145 ވަނަ މާއްދާއާ އި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 4 ވަނަ މާއްދާއާއި 6 ވަނަ މާއްދާއާއި އަދި ސުޕްރީމް ކޯޓުގެ ޤަވާޢިދު (2009)ގެ 6 ވަނަ މާއްދާއާއި 8 ވަނަ މާއްދާ ގައި ސާފުކޮށް ބަޔާންކޮށްފައިވުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެއްވެސް ބާވަތެއްގެ ޙުކުމެއް ނުވަތަ އަމުރެއްވިޔަސް ނެރެވޭނީ މަދުވެގެން ސުޕްރީމް ކޯޓުގައި އެ ވަގުތަކު ތިބި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އަޣުބިއްޔަތުންކަން ޤާނޫނުއަސާސީއާއި ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އާއި ސުޕްރީމް ކޯޓުގެ ޤަވާޢިދު (2009)ގެ ބަޔާންވެދިޔަ މާއްދާތަކުގެ ޞަރީޙަ ނައްޞުން ސާފުކޮށް އެނގެން އޮތުމުން ސުޕްރީމް ކޯޓުގެ ވަކިވަކި ފަނޑިޔާރުންނަށް ފަރުދީ ގޮތުން އެއްވެސް ބާވަތެއްގެ ޙުކުމެއް ނުވަތަ އަމުރެއް ވިޔަސް ނެރުމުގެ އިހުތިސާސު ދުސްތޫރީ ގޮތުންނާއި ގާނޫނީ ގޮތުން ވެސް އެ ފަރާތްތަކަށް ލިބިގެން ނުވާ ކަމަށެވެ.
މިމަހުގެ 5ވަނަ ދުވަހުގެރޭ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުޢީ ޙުކުމްތައް ވަކި ގޮތަކަށް ކުރުމާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތްކުރުމާއި ދަޢުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާޢީ އަދުލުގެ ނިޒާމު ހިންގުމަށް ޤަސްދުގައި ހުރަސް އެޅުމުގެ ތުހުމަތުގައެވެ.
އަދި ހަމައެހެންމެ ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ އޭނާ ސަސްޕެންޑްކޮށްފައެވެ. އޭނާ ސަސްޕެންޑްކުރީ ޤައުމަށް ޚިޔާނާތްތެރިވުމާއި، ރިޝްވަތު ހިފުމާއި ޤާނޫނީ ސަރުކާރު ބަޣާވާތަކުން ވައްޓާލަން މަސައްކަތްކުރިކަމުގެ ސާބިތު ހެކި ލިބުމާއި ގުޅިގެން ކަމަށް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ