އެމްޑީޕީގައި ޑިިމޮކްރަސީގެ ކަންފުޅެއްވެސް ނެތް، ފެންނަނީ ހުދުމުޚްތާރުކަން - މެމްބަރު ޔާމިން

އެމްޑީޕީގައި ޑީމޮކްރަސީގެ ކަންފުޅެއްވެސް ނެތް ކަމަށާއި، މުޅި ޕާޓީއިން ފެންނަނީ ހުދުމުޚްތާރުކަން ކަމަށް ޕީޕީއެމްއަށް މިރޭ ސޮއި ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ރަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވެވަޑައިގެން، ޕީޕީއެމްއާ މިރޭ ގުޅިވަޑައިގަތް މެމްބަރު ޔާމިން، މިހާރު ކުރިޔަށް ދާ ޕީޕީއެމްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ވިދާޅުވީ އެމްޑީޕީގެ އޮޑި ފުރި ބާރުވެއްޖެ ކަމަށެވެ. އަދި ބާޣީން ވަނީ ޣާޒީންނަށް ބަދަލުވެފައި ކަމަށް ވެސް ޔާމިން ވިދާޅުވިއެވެ.
"އެ އޮޑި ފުރިއްޖެ. ބާޣީން ޣާޒީންނަށް ވެއްޖެ. ފިތުނީމާ ދެން ކޮންމެވެސް ބަޔަކު ނިކުންނާނެ. [އަޅުގަނޑު] މި ނިކުތީ އެ އުސޫލުތައް ކަމުނުދާތީ،" ވެލިދޫ ދާއިރާގެ މެމްބަރު ޔާމިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީގެ އޮޑީގައި ޒުވާނުންނަށް ކުރިއެރުމަށް ފުރުސަތު ނުދީ، އެމީހުންގެ "ފައިގައި އަޅުވާލައި ވައްޓާލަނީ" ކަމަށާއި، ނަމަވެސް މިއަދުގެ ސަރުކާރުން އުންމީދު ފެންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ސަރުކާރުގެ އުންމީދު އެބަ ފެނޭ. އަޅުގަނޑުމެންނަށް ފެންނަނީ ޒުވާނަކަށް ފަހު ޒުވާނަކު މި ސަރުކާރުގެ އެހީތެރިކަމާ އެކު ކުރިއަރަމުންދާތަން. ހަޤީޤަތުގައި ވެސް ޒުވާނުން ފިޔަޖަހަން ފަށައިފި. އަޅުގަނޑުމެން، އެ އޮޑީގައި [އެމްޑީޕީގައި] ޒުވާނުންގެ ފައިގައި އަޅުވާލައި ވައްޓާލަނީ،" ޔާމިން ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޕާޓީއެއްގައި ހުރިހާ ދިމާލަކުންވެސް ޑިމޮކްރަސީ ފެނި، އިހްސާސްވާން ޖެހޭ ކަމަށެވެ.
"އެ އޮޑީގައި ޑިމޮކްރަސީގެ ކަންފުޅެއްވެސް ނެތް. ފެންނަމުން ދަނީ ހުދުމުޚްތާރު ސިފަތަކެއް. މި އޮޑި މި ދަނީ ޑިމޮކްރަސީއާ އެއްކޮށް ކުރިޔަށް،" ޔާމިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ