ޔަހޫދީ ސިފައިން ދެކުނު ލުބުނާނުން ފޭބުމަށް އދގެ ސަލާމަތީ މަޖިލީހުގެ ގިނަ މެންބަރު ޤައުމުތަކަކުން ގޮވާލައިފިއެވެ. އެ ޤައުމުތަކުން މިހެން ގޮވާލާފައި ވަނީ ޖޫން މަހުގެ 1ވަނަ ދުވަހު ބޭއްވި އެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައެވެ.
ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވާަފައި ވަނީ ޔަހޫދީ ސިފައިންގެ ޙަރަކާތްތައް ދެކުނު ލުބުނާނުގައި އިތުރަށް ފުޅާކޮށް، އިސްތިރާޖީ ގޮތުން މުހިންމު ބިއުފޯޓް ކާސްލް އެ މީހުންގެ ބާރުގެ ދަށަށް ގެނެސް، އެ ތަނުގައި ޔަހޫދީ ދިދަ ނަގާފައިވަނިކޮށެވެ. އެ ބައްދަލުވުން ބާއްވާފައި ވަނީ ފަރަންސޭސިވިލާތުގެ އެދުމުގެ މަތިންނެވެ.
މެދުއިރުމަތީގެ ހަނގުރާމަ ދާއިމީ ނިމުމަކަށް ގެނައުމަށް އީރާންއާއި އެމެރިކާއާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި ޔަހޫދީން ލުބުނާނަށް ޙަމަލާ ނުދިނުމަކީ އީރާނުން އެ ކަމަކަށް ވަރަށް ބޮޑަށް ބާރުއަޅަމުންދާ ކަމެކެވެ. ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެކުލަވާލާ ކޮންމެ އޮނިގަނޑެއްގައި ލުބުނާން ހިމެނެންޖެހޭނެ ކަމަށް އީރާނުން ޝަރުތުކުރެއެވެ. ނަމަވެސް ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ޙިޒްބުاللهއާ ދެކޮޅަށް ޙަމަލާތައް އިތުރުކުރުމަށް އަމުރުކޮށްފައެވެ. މީގެ ކުރިން ދެކުނު ލުބުނާނުގައި ޤާއިމްކޮށްފައިވާ ސަލާމަތީ ޒޯންތައް ނޫން އެހެން ސަރަޙައްދުތަކަށް ވެސް ޔަހޫދީންގެ އަސްކަރީ ޙަރަކާތްތައް ފުޅާ ކުރުމަށް ނަތަންޔާހޫ ވަނީ އަމުރުކޮށްފައެވެ.
ލުބުނާނުން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަޙްމަދް އަރަފާ ވަނީ ޔަހޫދީންގެ ޢަމަލުތައް ކުށްވެރިކުރުމަށް އދގެ ސަލާމަތީ މަޖިލީހަށް ގޮވާލައްވައިފައެވެ. ލުބުނާނުން މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރި ނަމަވެސް ޔަހޫދީން މަސައްކަތް ކުރަމުން ދަނީ ނުތަނަވަސްވެފައިވާ މެދުއިރުމަތީގެ ޙާލަތުން އަމިއްލަ ފައިދާއެއް ޙާޞިލް ކުރުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޔަހޫދީންގެ ޙަމަލާތަކަކީ ލުބުނާން ސުންނާފަތިކުރުމަށް ރޭވުންތެރިކަމާއެކު ދެމުންދާ ޙަމަލާތަކެއް ކަމަށާއި އެ ޙަމަލާތައް އަމާޒުކުރަނީ ޞިއްޙީ ޚިދުމަތްތެރިންނަށާއި ހަސްފަތާލުތަކަށާއި ނޫސްވެރިންނަށާއި މަދަރުސާތަކަށާއި ސަލާމަތީ އިދާރާތަކާއި އދގެ ޞުލްޙަ ބަލަހައްޓާ ސިފައިންނަށާއި އަޅުކަންކުރާ ތަންތަނުގެ އިތުރުން އާސާރީ ބިނާތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ލުބުނާނުގެ އަމިއްލަވަންތަ ކަން ފުހެލުމުގެ ބޭނުމުގައި ދޭ ޙަމަލާތަކެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އދގެ އެސިސްޓަންޓް ސެކެޓްރީ ޖެނެރަލްއެއް ކަމަށްވާ މާތާ އާމާ އާކްޔާ ޕޯބީ ވިދާޅުވީ ލުބުނާނުގެ ޙާލަތަކީ އެ ކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ޙާލަތެއް ކަމަށެވެ. ޔަހޫދީން ލުބުނާނުގެ “ނޫ ރޮނގު”ގެ އުތުރުގައި ޙަރަކާތްތެރިވުމަކީ ލުބުނާނުގެ އިސްތިޤްލާލާއި ސަލާމަތީ މަޖިލީހުގެ 1701 ނަމްބަރު ޤަރާރާ ޚިލާފު ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.
ރަޝިޔާއިން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ވަސިލީ ނެބެންޒިޔާ ވިދާޅުވީ ޔަހޫދީން މީގެ ކުރިން ޣައްޒާގައި ބޭނުންކޮށްފައިވާ އުކުޅުތައް ލުބުނާނުގައި ނަކަލު ކުރަމުންދާ ކަމަށެވެ. ލުބުނާނަށް ޙަމަލާ ނުދިނުމަށް އޭޕްރިލް މަހުގެ 17ވަނަ ދުވަހު ޤާއިމްކޮށްފައިވާ އެއްބަސްވުމަކީ އޭގެ ނިވަލުގައި ތިބެ އަސްކަރީ ޙަރަކާތްތައް ހިންގުމަށް އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޔަހޫދީން ލުބުނާނުގައި ޙަރަކާތްތެރިވަމުން ދަނީ ޣައްޒާގައި ވެސް ޙަރަކާތްތެރިވަމުންދާ ގޮތާ ގާތްގަނޑަކަށް އެއްގޮތަކަށް ކަމަށް އޭނާ ވެސް ވަނީ ފާހަގަކުރައްވައިފައެވެ. ޔަހޫދީން ލުބުނާނުގެ ބިންތައް އިސްތިއުމާރު ކުރަމުންދާ ނަމަ ޔަހޫދީންނާ ދެކޮޅަށް ހަތިޔާރުއެޅި މުޖާހިދުން ނިކުންނާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވާފައިވެއެވެ.
ޗައިނާއިން ވެސް ވަނީ ލުބުނާނުގައި ޔަހޫދީންގެ އަސްކަރީ ޙަރަކާތްތައް ފުޅާކުރަމުންދާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް، ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަކީ ނަމެއްގައި އެކުލަވާލާފައިވާ އެއްބަސްވުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ދެކުނު ލުބުނާނުން ޔަހޫދީ ސިފައިން ފޭބުމަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ