ތޮއްޑޫގައި ކޮންމެ ނަމާދަކަށް 30 މިނެޓަށް ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރަން ނިންމައިފި

އއ. ތޮއްޑޫގައި ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓަށް ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރުމަށް އެ ރަށު ކައުންސިލުން މިއަދު ނިންމައިފިއެވެ. އެ ރަށު ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، ނަމާދު ގަޑިތަކުގައި ކުޅިވަރު ކުޅޭ ހުރިހާ ތަނެއް ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން، ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓަށް ކުޅިވަރު ކުޅޭ ތަންތަން ބަންދު ކުރުމަށް ތޮއްޑޫ ކައުންސިލް އިއުލާނުގައިވެއެވެ. އޭގެއިތުރަށް، ކޮންމެ ދުވަހަކު އިރުއޮއްސި 06:00 އިން ފެށިގެން ރޭގަނޑު 08:00އާ ދެމެދާއި ހުކުރު ދުވަހުގެ ހެނދުނު 10:30އިން މެންދުރު 02:00އާ ދެމެދު ކުޅިވަރު ކުޅޭ ތަންތަނުގައި ކުޅިވަރު ކުޅުމަކީ މަނާކަމެއް ކަމުގައި އެ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. ތޮއްޑޫގެ މަގެއް މަތި: ކޮންމެ ނަމާދަކަށް 30 މިނެޓަށް ތޮއްޑޫގައި ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރަން ވަނީ ނިންމާފައި --- ސަން ފޮޓޯ/ އިއްތިޝާމް ތޮއްޑޫ ކައުންސިލުން މިހެން ނިންމާފައި ވަނީ، ސަރުކާރުން ހިންގާ ކުޅިވަރު އިމާރާތްތަކާއި ދަނޑުތަކުގައި ނަމާދު ވަގުތަށް ކުޅިވަރުތައް މެދުކަނޑާލަން ޖެހޭ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. https://sun.mv/222710 އެ މަނިކުފާނު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، މި ބަދަލުގެ މަގްސަދަކީ ކުޅިވަރު ކުޅޭ ތަންތަނުގައި ކުޅިވަރު ކުޅެން ތިބޭއިރު ނަމާދު ވަގުތު ގެއްލުނަނުދީ، ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން، ބަންގި ގޮވާ ވަގުތުން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅަކަށް، އެއީ 20 މިނެޓަށް ވިޔަސް، ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލަން ޖެހޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެންނަން ނިންމާފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. މީގެއިތުރުން، ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލުމުގެ އިތުރުން، އެ ވަގުތު އެ ސަރަހައްދެއްގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ