(އާދިއްތަ ދުވަހާ ގުޅޭ)
އެއީ ކުރިން ނާންނަ ހިޔާލެކެވެ. އެއިން ކޮންމެ ވިހައެއް ލިބުނަސް އާދަނަށް ވެސް ބޭނުންހިފިދާނެއެވެ. އެހެނަސް، މީހަކު މަރައިލުމަކީ ފާފައެކެވެ. ނޫނެކެވެ. އާދަނު ހިތަށް އެރިއެވެ. މަރައިލުން ހުއްދަ މީހަކު މަރައިލިޔަކަސް ފާފައެއް ނުލިބޭނެއެވެ. އެ ފަދަ ހިޔާލުތަކެއްގައި ވިސްނަން އާދަނަށް ހުރެވުނެވެ.
"އާދަނާ!" ދޮހޮއްކޮ ބުންޏެވެ. "ތަންކޮޅެއް ގިނައިން އަފިހުން ކެވުނީ އުތަ؟"
ދޮހޮއްކޮއަށް ޖަވާބެއް ދިނުމަކާ ނުލައި، ދެ ފަޔަށް ބާރުލާފައި އާދަނު ހިނގައިގަތެވެ. ދަތުރުވަރުގައި އައިސް ގޭގައި އުޅޭ މީހެއްގެ އަތުން އާދަނަށް ވިހަކޮޅެއް ހޯދިދާނެއެވެ. އެއީ ފަސޭހަ ކަމެކެވެ. އުނދަގޫ ކަމަކީ ހަމީދުގެ ސުފުރާޔާ ހަމައަށް އެ ގެންދާނެ ގޮތެކެވެ. އާދަނު ދިޔަ ގޮތަށް ދިޔައީ ބުންބާފިހާރަތަކާ ދިމާއަށެވެ. ފަހަރަކު ފިހާރަޔަކަށް ބޯދެމުން ދިގުފިހާރަޔަށް ވަން ތަނައި ދެމަރު ކާސިންފުޅު ފެނުނެވެ.
އޭނައަކީ ގަނޑުވަރުގެ ބޮޑުކައްކާއެވެ. ހިތްވަރު ގަދަ، ބިރު ކުޑަ މީހެކެވެ. ހުޅުލެ އާއި ގާދޫއާ ދެމެދު އޮންނަ ބޮޑުއޮއިގަނޑުގައި ކުއްޖަކު ޖެހިގެން އުޅެނިކޮށް އެ ތަނަށް ކާސިންފުޅު ފުންމާލައިގެން އެ ކުއްޖާ ސަލާމަތްކުރި ތަނައި ކާސިންފުޅު އަކުނިވަޔަށް ދަމައިގަނެގެން އަޑިޔަށް ދިޔައެވެ. އެހެން ބަޔަކު މޫދަށް ފުންމާލައިގެން ކާސިންފުޅު ސަލާމަތްކުރި އިރު އޭނަ އޮތީ ހަރަކާތް ހުސްވެފައެވެ. ނޭވައެއް ވެސް ނުލައޭ ބަޔަކު ކިޔެވެ. އެތައް އިރަކު އެހެން އޮވެފައި ކުއްލިއަކަށް ނޭވާލާން ފެށިއެވެ. ދެމަރު ކާސިންފުޅު ކިޔުނީ އެ ހިސާބުންނެވެ. އޭނަ ފިހާރައިން ނުކުންނަން އައި އިރު ދެ ކިހިލީގައި ދެ ފޮށިގަނޑު، ކޮނޑުގައި ކުޑަ ފިޔާ ބަސްތާއެއް އޮތެވެ. އޭނަ ހަމަ ފެންނަ އިރަށް އާދަނު ގޮސް ބަސްތާ ނަގައި އާދަނުގެ ކޮނޑަށް ލިޔެވެ.
"ތިޔަ ކުކުޅުފަތް އޮތަކަސް އަހަންނަކަށް ބަރެއް ނުވާނެ އާދަނާ!" ދެމަރު ކާސިންފުޅު ބުންޏެވެ.
"އެ ކަން އެނގެޔޭ! އެކަމަކު ކާސިންފުޅު އެހާ ބުރަކޮށް އަންނަ ތަން ފެނުނީމަ.." އާދަނަށް ބުނެވުނީ އެ ހިސާބަށެވެ.
"ނަސީބެއްނު އަހަރެން ފެނުނުކަން،" ގަނޑުވަރާ ދިމާއަށް ހިނގައިގަންނަމުން ކާސިންފުޅު ބުންޏެވެ. "ފަންގިލާން އަތްގާތްކޮށްލަދޭން އައިސްބަލަހަރޭ ބުނި ފަހަކުން އާދަނެއް ނުފެނޭވިއްޔާ!"
"ގޭބަންދުން ވީއްލިގެނެއްނު ކަމެއް ވާނީ!" އާދަނު ޖަވާބުދިނެވެ.
"އާނ! މަ ވެސް ތި ވާހަކަ އަޑުއެހީމޭ!" ނިކަން އަޑުބާރުކޮށް ކިނބިއްސެއް އަޅާފައި ކާސިންފުޅު ބުންޏެވެ. "ބަސްތާ މަށަށް ދީފަ، މި ފޮށިގަނޑު ހިފާ! މި އަތުގަ ކުޑަކޮށް ރިއްސާތީ މި އުޅެނީ. ކުރީ ދުވަހަކު ބޮޑު މެޓާގަނޑެއް ހިލަން ވެގެން ގަށާގަށާ.. މިހާރު ދެން ކައްކާކައްކާ ފޫހިވެއްޖެ! ވާ ކަމެއް ހަރާމުންހަރާން. ގާނަގަން ދާންވީ."
ލިބުނު ދަނޑިވަޅުގެ ބޭނުން އާދަނު ހިފިއެވެ.
"ކިތަންމެ މަސައްކަތެއް ކުރިޔަސް ޖީބަށް އެނގުން ނުވަންޏާ ކޮންމެ މީހަކު ވެސް ފޫހިވާނެ،" ފިކުރު ބޮޑުވެފައި އާދަނު ބުންޏެވެ. "ގައިމު ގަނޑުވަރުގަ ފެންފޮތިލާން އުޅޭ މީހާގެ ގޭގަ ވެސް ފަންގިލައިދޭ، ފުޅަށް އަޅައިދޭ! އަނބިގޮއްޔަ އަށް ބަނޑުހަނޑޫދެއޭ ވެސް ކިޔާ އަޑުއިވޭ! ކާސިންފުޅުގެ އަނބިމީހާ އެއްފަޅި އައްސިވެފަ އޮންނަތާ އަހަރެއް މި ވަނީ. އަޅެ ތި ދެމަފިރިން އެއްކޮށް ސިލޯނަށް ފޮނުވައިގެން ދަލޭކައަށް ބޭސްކޮށްލަދިނިއްޔާ ކީއް؟ ގެންދާ މީހުން އެބަ ގެންދޭ! ކައްކަން ވެސް ކާސިންފުޅު. ބާޒާރުކުރަން ވެސް ކާސިންފުޅު. ހާރަކަސް ތަރާވީހަކަސް ހުރި މީހަކީ ތީ."
ކާސިންފުޅުގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވިއެވެ. ހިފައިގެން ހުރި ދެ ފޮށިގަނޑު ބިންމައްޗަށް ވައްޓައިލިއެވެ.
"އެހެން މީހަކު ކަމެއް ކޮށްފިއްޔާ ދުއްރައިން ތަޅާނެ،" ރުޅިއައިސްފައި ކާސިންފުޅު ބުންޏެވެ. "މުޅި ގައުމު ފަސާދަކޮށް ނިންމައިފި. އަންހެނުން ކަންތައް އެ ވަރު. ދީނަކާ ދީނެއް. އެކަމަކު ވެރިމީހާވީމަ ކުރެވޭނެ ކަމެއް ނެތް. ދެވޭނެ އަދަބެއް ވެސް ނެތް. މިހާ ހިސާބުން ދެން ގައިކޮޅުގައިގާދުރު. ނުދާނަން ކައްކާކަށް."
ކާސިންފުޅު ހިނގައިގަތުމުން ކާސިންފުޅުގެ އަތުގައި އާދަނު ހިފިއެވެ. މަގުގެ އެއްކައިރީގައި ކާސިންފުޅު ބަހައްޓާފައި، ފިޔާ ބަސްތާ އާއި ދެ ފޮށިގަނޑު ވެސް ފާރު ކައިރީގައި ބެހެއްޓިއެވެ. ވަށައިގެން ނަޒަރު ހިންގައިލިއެވެ.
"އަދި އިހަށް މަޑުކުރޭ!" ވައި އަޑުން އާދަނު ބުންޏެވެ. "ކުރެވޭނެ ކަންތައް އެބަ ހުއްޓޭ! ކާސިންފުޅަކީ ތިޔަ ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ، މާ ނުރައްކާ މަގާމެއްގަ ހުރި މީހެކޭ!"
"ހަމަ ފިސާރި؟" ކާސިންފުޅަށް ބުނެވުނެވެ.
"އެހެންޏާ ފަހެ!" ކުރިޔަށް ވުރެ ވެސް މަޑުން އާދަނު ބުނެލިއެވެ. "ހަމީދަށް ފަރީއްކޮޅު ތައްޔާރުކުރާ މީހާ އަށް ނުކުރެވޭނީ ކޮން ކަމެއް؟ މަ ދޭ އެއްޗެއް ތަށްޓަށް އަޅާލީމަ ނިމުނީ."
ކާސިންފުޅު ވިސްނައިލިއެވެ. ހިތުގައި ބިރުވެރިކަމުގެ ވިދުވަރު ފިޔަޖަހައިލިއެވެ.
"ފަޅާއަރައިފިއްޔާ މަ މަރާނެ،" ކާސިންފުޅު ބުންޏެވެ. "ރުކެއްގަ އައްސާފަ ބަޑި ވެސް ޖަހާފާނެ. އޭރުން އަހަރެންގެ ދަލޭކައަށް އަޅާލާނީ ކާކު؟"
"ނާރާނެ ފަޅައެއް،" ޔަގީންކަމާ އެކުގައި އާދަނު ބުންޏެވެ. "ރަހައެއް ނުލާނެ. ވަހެއް ނުދުވާނެ. އަޑެއްބަޑެއްނީވެ އެ ކަން ނިމިފަ އޮންނާނީ."
ކާސިންފުޅަށް ފެންނަނީ އެ ރޭވުން ބޭޒާރުވެގެން ކާސިންފުޅު ގެންގޮސް ރުކެއްގައި އައްސާ ތަނެވެ. ބަޑި އަމާޒު ކޮށްފައި އުންޑަ ގޮއްވައިލި ތަނެވެ. ކާސިންފުޅު ދިޔައީ ސިއްސައިގެންނެވެ.
"އާދަނު ތީ ފަސްވަގުތު ނާޅާ ޖަމާއަތަށް އަރާ މީހެއް،" ކާސިންފުޅު ބުންޏެވެ. "މީހަކު މަރާލައިގެން ހުރަގެއިން ސަލާމަތްވިޔަސް ނަރަކައިން ސަލާމަތްވާނީ ކިހިނެއް؟"
"މީހަކު މަރާލީމަ ނަރަކައަށް ދާނީ،" އާދަނު ބުންޏެވެ. "އިބިލީސް މަރައިލީމަ ދާނީ ސުވަރުގެއަށް. އޭނަގެ ބަލާވެރިކަން ނުޖެހޭ މީހަކު އެބަ ހުރިތަ؟ ނުހުންނާނެ. އޭނަ މަރާލުމަކީ މިހާރު ކިފާޔަތުގެ ފަރުޟެއް. ކުރަން މަޖުބޫރުވެއްޖެ ކަމެއް. އެންމެންގެ ހެޔޮ ދުއާ އަހަރުމެންނަށް ލިބޭނެ. ވިސްނާލާ މީ ގައުމަށް ޓަކާ ކުރާ ޖިހާދެކޭ."
އާދަނު ވަރަށް ދިގުކޮށް ވާހަކަ ދައްކައި، ނަސޭހަތްދިނެވެ. ކާސިންފުޅު އެއްބަހެއް ނުވިއެވެ. އާދަނަށް ވިސްނުނު ގޮތުގައި މައްސަލައަކީ އެ ކަމަށް ދޭނެ އުޖޫރައެއް އާދަނު އަތުގައި ނެތުމެވެ.
"ދެން މައްސަލައެއް ނެތް. ފަހުން ހިޔާލު ބަދަލުވެއްޖެއްޔާ ބުނާތި!" އާދަނު ބުންޏެވެ. "މި ވާހަކަ ސިއްރު ކޮށްދޭތި!"
"ކޮން ވާހަކައެއް؟" ދެ ފޮށިގަނޑު ނަގަމުން ކާސިންފުޅު ބުންޏެވެ. "އަހަރުމެން ދެ މީހުން މިއަދު ދިމައެއް ވެސް ނުވޭ! އެ ބަސްތާ އަހަރެންގެ ކޮނޑަށް ލައިދީ!"
ބަސްތާ ލުމުން، ފަހަތް ބަލައި ވެސް ނުލައި ކާސިންފުޅު ހަރުކޮށް ހިނގައިގަތެވެ. އިރުކޮޅެއް ވަންދެން ވިސްނަން އާދަނަށް ހުރެވުނެވެ. ދެން ހަދާނެ ގޮތެއް އާދަނަކަށް ނުވިސްނެއެވެ. މަޑުމަޑުން ހިނގަމުން ގޮސް މަންޗަންގޮޅި މައިޒާން ކައިރީގައި ހުއްޓައި މީހަކު އައިސް ބައްދަލުކުރިއެވެ. އެ މީހާއަކީ ކަލޭފާނުގެ ނޯކަރެކެވެ.
"ހަފީޒާ ބުނުއްވީ ކޮންމެހެން ވެސް މި ރޭ އައިސްބަލާށޭ!" އޭނަ ބުންޏެވެ.
އެއީ ދުވަހަކު ވެސް ހަފީޒާ ކުރި ކަމެއް ނޫނެވެ. ރޭގަނޑުގެ ވަގުތަކީ ހަފީޒާއާ ބައްދަލުކުރަން ރަނގަޅު ވަގުތެއް ވެސް ނޫނެވެ. އަވަށުވެރިގެއިން ފާރަލާތީއެވެ. އެ ހުރިހައި ކަމެއް އެނގި ހުރެ ހަފީޒާ އަންނަން ބުނާނީ ވަރަށް ބޮޑު ކަމެއް ޖެހިގެންކަން އާދަނަށް ޔަގީނެވެ.
އިޝާނަމާދުން ފައިބައިގެން، ނުވެސް ކައި، ހަފީޒާޔާ ބައްދަލުކުރަން އާދަނު ދިޔައެވެ. ހަފީޒާގެ ގޭދޮށުގައި ބަޔަކު ތިއްބެވެ. އާދަނު ދިޔަ ގޮތަށް ގޮސް ގެއަށް ވަން އިރު، ކުރިން ވެސް އިންނަ އުނދޯލީގައި ހަފީޒާ އިނެވެ. ކުރިން ވެސް ހުންނަ ރީތިކަމާއި ޝާއްބަކަމާ އެކުގައެވެ. ހަމަ އެކަނި ގެއްލިފައިވަނީ ހަފީޒާގެ ލޯބި މޫނުން ފެންނަ އުފާވެރިކަމެވެ.
"ކިހިނެއްވީ؟" އާދަނު އެހިއެވެ.
"އަހަރެން ފުރަން ޖެހިއްޖެ!" ހަފީޒާ ބުންޏެވެ.
"ކޮން ތާކަށް؟" އާދަނު ސުވާލުކުރިއެވެ.
"ހަމީދުގެ ދަރިފުޅު ޖަމީލާއާ، އަހަންނާ ގޮވައިގެން ކިޔަވަން ސިލޯނަށް ފުރަނީ." ހަފީޒާ ބުންޏެވެ.
"އެހެންވިއްޔާ ސޯސަންވިލާގަ ތިބޭނީ،" ފެންކަޅިވި ލޮލުން ބަލަމުން، ހިނިތުންވުމެއް ހަދިޔާކުރަމުން އާދަނު ބުންޏެވެ. "އަހަރެން ދަންނަ ތަނެއް އެއީ. ވަރަށް ތަނަވަސް، ރީތި ގެޔެކޭ ކިޔާ އަޑުއަހަން. ވަރަށް ބޮޑު ނަސީބެއް ތި ލިބުނީ."
މާލެއިން ފުރާކަށް ހަފީޒާ ކުޑަކޮށް ވެސް ބޭނުމެއް ނޫނެވެ.
"ދެން ނޭނގެ އާދެވޭނެ ދުވަހެއް ވެސް،" ހަފީޒާ ބުންޏެވެ. "ބައްޕަ ބުނުއްވީ ދެން އަހަރެން މީހަކާ އިންނަންޏާ އެހެން މީހަކާ އިނުމޭ ބުއްދިވެރީ. އަހަރެން ބުނިން ބައްޕާއޭ އާދަނަކީ ވަރަށް ފަގީރު ކުއްޖެކޭ! އޭނަ ވަރަށް ދެރަވާނޭ! ބައްޕަ ބުނުއްވީ އޭނަ ފަގީރިއްޔާ ދަރިފުޅު ނީނަކަސް އޭނައަށް ކޮންމެވެސް އެއްޗެއް ދެވިދާނެ ނޫންހޭ! މާދަމާ އަންނާނެ ފުރަން ބަލާ!"
އާދަނަށް ބޭރުކޮށްލެވުނީ ފުން ނޭވައެކެވެ. ކުރިން ވެސް ހަފީޒާ ތިން ހެދުން ދީފިއެވެ. ހަފީޒާ ނުލިބެންޏާ ދެން ކޮންމެހެން އެއްޗެހިތަކެއް އާދަނު ބޭނުމެއް ނޫނެވެ.
"އެކަމަކު އަހަންނެއް ނުގެންދެވޭނެ." ހަފީޒާ ބުންޏެވެ.
"އެއީ ކީއްވެ ނުގެންދެވޭނީ؟" އާދަނު އެހިއެވެ. "ތި ބުނީނު ބަލާ ވެސް އަންނާނޭ! ދާކަށްނު ޖެހޭނީ."
"ދާން ޖެހުނަސް އަހަންނެއް ނުގެންދެވޭނެ،" ރުޅިއައިސްފައި ހަފީޒާ ބުންޏެވެ. "އެ މީހުން އަންނަ އިރު އަހަރެން މަރުވެފަ އޮންނާނީ."
"މާތްކަލާކޯ!" އާދަނަށް ބުނެވުނެވެ. "ހެޔޮނުވާނެ ތިހެން ބުނަން ހަފީޒާ! ޚަބަރުދާރު! އެ ކަހަލަ ކަމެއް ކޮށްގެންނުވާނެ."
"މި ބުނީނު އަހަންނެއް ނުގެންދެވޭނޭ!" ރޮމުން ހަފީޒާ ބުންޏެވެ. "އެ މީހުން އަންނަ އިރު އޮންނާނީ އަހަރެންގެ މަސްގަނޑު. އެ އުޅެނީ ކޮންމެހެން ކިޔަވައިދޭކަށް ނޫން. އޭއްޗެކޭމީއްޗެކޭ ކިޔައިގެން އަހަރުމެން ދުރުކުރަން އެ އުޅެނީ."
އެއީ ތެދެއްކަން އާދަނަށް އެނގެއެވެ. އެހެނަސް، ހަފީޒާ ދެކެ ކިތަންމެ ލޯބިވިޔަސް، ކުފުރު މަރަކުން މަރުވާކަށް އާދަނަކަށް ހިތްވަރެއް ނުދެވޭނެއެވެ.
"ބުނަން ވާހަކައެއް،" ވިސްނައިދޭ ރާގެއްގައި، އޯގާތެރިކަމާ އެކުގައި އާދަނު ބުންޏެވެ. "އެހެން ހަދައިފިއްޔާ ހަފީޒާގެ ދެދުނިޔެ ގެއްލުނީ. އެއްގޮތަކަށް ވެސް އެހެން ހަދައިގެންނުވާނެ. އަހަންނަށްޓަކާ، އަހަރެން ބުނީތީ ވެސް އަމިއްލައަށް މަރު ވެގެން ނުވާނެ. އެ ހުންނަނީ ހަރާންކަންތައް. ހަމަ ހިތަށްއަރާ އިރަކަށް މަރެއް ނުވެވޭނެ. އެއީ ތި ހީކުރާ ކަހަލަ ފަސޭހަ..."
"ކީއްވެ ފަސޭހަނުވާނީ؟" ހަފީޒާ ބުންޏެވެ. "ކޮޓަރީގެ މަތީގަ އޮންނާނެ ވަކަރެއް. ގޮނޑިއަށް އެރީމަ އަތްފޯރާނެ. ގޮނޑި ބަހައްޓާފަ މި އައީ ވެސް. ފަލަ ރޯނުގަނޑެއް ވެސް ހޯދާފަ އޮންނާނީ."
"ތިހެން ނަހަދާ ހަފީޒާ!" އާދަނު އާދޭސްކުރިއެވެ. "ދެދުނިޔެ ގެއްލުވާނުލާ!"
"އާދަނު ގެއްލުނީމަ އަހަންނަށް ދެދުނިޔެ ގެއްލިއްޖެ!" ހަފީޒާ ބުންޏެވެ. (ނުނިމޭ)
ދަރޭތި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ