ބައްދަލުވުމަށް ހުރަސްއެޅި މައްސަލަ ބަލައިދިނުމަށް މައުމޫނު އެދިވަޑައިގެންފި

ޕީޕީއެމްގެ ދިރުން - ރައްޔިތުންގެ ހިޔާލު މި ޝިއާރުގެ ދަށުން ރައީސް މައުމޫނު އަބްދުލްޤައްޔޫމް ރޭ ރައްޔިތުންނާއި ބައްދަލުކުރައްވަން އޮތް ބައްދަލުވުން ނުބޭއްވޭނެކަމަށް ފުލުހުން އަންގާ އެ ބައްދަލުވުމަށް ހުރަސްއެޅި މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު އެދިވަޑައިގެންވިއެވެ.
މިއަދު ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފަށް ރައީސް މައުމޫނު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ރޭގެ ބައްދަލުވުން ނުބޭއްވުމަށް ފުލުހުން އަންގާފައިވާކަމަށާއި ނަމަވެސް ކުރިން އެންގުމަކާއި ނުލައި އެއްވުމާއި ބައްދަލުވުންތައް ބޭއްވުމަކީ ގާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ލިބިދޭ މިނިވަން ކަމެއްކަމުގައެވެ.
އަދި ރޭގެ ބައްދަލުވުން ނުބޭއްވީ ފުލުހުންގެ އެންގުމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ތަކްލީފްތަކެއް ނުޖެއްސުމަށްކަމަށާއި އަދި ބައްދަލުވުން ނުބޭއްވުމަށް ފުލުހުން އަންގާފައިވަނީ ޤާނޫނާއި ހިލާފަށް ކަމަށްވެސް މައުމޫނު ވިދާޅުވިއެވެ.
ރޭ ޕީޕީއެމްގެ ރައީސްގެ އޮފީހަށް ރައީސް މައުމޫނު ފިޔަވާ އެއްވެސް މީހަކަށް ނުވަދެވޭނެކަމަށާއި ނޫސްވެރިންނަށްވެސް އެތަނަށް ނުވަދެވޭނެކަމަށް ފުލުހުން އެންގިކަމަށް ޕީޕީއެމްގެ ރައީސް މައުމޫނުގެ ފެކްޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ