ގއ.ވިލިނގިލީ ގެއަކުންނާއި މަސްދޯންޏަކުން ގިނަޢަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލައަކާއި ގުޅިގެން ތުހުމަތު ކުރެވޭ ދެމީހަކު ހައްޔަރުކޮށް ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދާ އެތަކެތި އެތަކެތީގެ ވެރިފަރާތާއި ހަވާލުކޮށްފިއެވެ.
މި ދެމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
މި ދެ މީހުންގެ ތެރެއިން 20 އަހަރުގެ މީހާއަކީ ވައްކަމާއި މާރާމާރީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި އަދި 25 އަހަރުގެ މީހައަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 16 ވަނަދުވަހު ކޯޓު އަމުރެއްގެ ދަށުން ގއ.ވިލިނގިލިންނެވެ.
މިދެމައްސަލަ އާއި ގުޅިގެން ފުލުހުން އާންމުކޮށްފައިވާ ޚަބަރެއްގައި ބުނެފައި ވަނީ މިޑިސެމްބަރ މަހުގެ 7 ވަނަދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގއ.ވިލިނގިލީ ފަޅުގައި އޮތް މަސްދޯންޏަކުން ވައްކަންކޮށްގެން ގއ.ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ފުލުހުން ކުރަމުން ދިޔަ މަސައްކަތުން ދޯނިން ވަގަށް ނަގާފައިވާ ޖީ.ފީ އެސްއަކާއި ފިޝް ފައިންޑަރއެއްގެ އިތުރުން ސެޓެލައިޓް ފޯން ހޯދާފައިވަނީ މިމައްސަލައިގައި ހައްޔަރުކުރި 25 އަހަރުގެ މީހާ ކޯޓު އަމުރެއްގެ ހައްޔަރުކޮށް އޭނާ ވަޒީފާ އަދާކުރާ ބޯޓްގައި އެނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު އެތާނގެ ތެރޭގައި ހުރި ކަބަޑެއްގެ ތެރެއިން މިޑިސެމްބަރ މަހުގެ 16 ވަނަދުވަހުކަމަށެވެ.
އަދި މި ޑިސެމްބަރ މަހުގެ 16 ވަނަދުވަހުގެ މެންދުރުގެ ވަގުތެއްގައި ވިލިނގިލީ ގެއަކުން ވައްކަން ކޮށްގެން ގއ.ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ފުލުހުން ކުރަމުން ދިޔަ މަސައްކަތުން ގެއިން ވަގަށް ނަގާފައިވާ ލެޕްޓޮޕާއި ކެމެރާ ހޯދަފައިވަނީ މިމައްސަލައާއި ގުޅިގެން ހައްޔަރުކުރި 20 އަހަރުގެ މީހާ މިތަކެތި ވިއްކަން އުޅޭކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން ކޯޓު ޢަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ވިލިނގިލީގައި ހަދަމުންދާ ގެއެއް ބަލައިފާސްކުރިއިރު އެގޭތެރޭގައިހުރި ޓިނުތަކެއްގެ ދަށުގައި ހުއްޓާ މިޑިސެމްބަރ މަހުގެ 16 ވަނަދުވަހުގެރޭ 20:00 ހާއިރު ކަމަށް ވެސް ފުލުހުން ބުނެއެވެ.
މިދެމައްސަލައާއި ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ތެރެއިން 20 އަހަރުގެ މީހާ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަޙުޤީޤު ކުރުމަށް ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށާއި އަދި 25 އަހަރުގެ މީހާ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަޙުޤީޤު ކުރުމަށް ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވަނީ 7 ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަތައް ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙްޤީޤް ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.
ވައްކަމުގެ ދެމައްސަލައެއްގައި ވަގަށްނެގި ތަކެތި ހޯދާ ދެމީހުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ