ނަމްޒާ ގަލޮޅު އުތުރު ދާއިރާގެ ޕީޕީއެމް މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވަނީ

މަޝްހޫރު ޓީވީ ޕްރެޒެންޓަރު އާމިނަތު ނަމްޒާ ގަލޮޅު އުތުރު ދާއިރާގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައި ފޯމް ޕާޓީ އޮފީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިދާއިރާގެ ޕްރައިމަރީގައި ނަމްޒާ އާއި އިތުރު ބޭފުޅަކު ވެސް ވާދަކުރައްވަ އެވެ.
އެމްވީޔޫތަށް މައުލޫމާތުދެއްވަމުން ނަމްޒާ މިއަދު ވިދާޅުވީ ކޮންމެ ބޭފުޅަކު ވެސް އެދާއިރާއަކަށް ކުރިމަތިލައްވާނީ، އެދާއިރާއެއްގެ ރައްޔިތުންނަށް ހިދުމަތްކޮށްދެއްވުމަށް ކަމަށާއި އޭނާ ވެސް އެ ދާއިރާއަށް ކުރިމަތިލެއްވީ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ ބޭފުޅަކު ވެސް އެދާއިރާއަކަށް ކުރިމަތިލައްވާނީ އެދާއިރާއެއްގެ ރައްޔިތުންނަށް ހިދުމަތްކޮށްދެއްވަން، ދެން ރޫލިންގ ޕާޓީގައި ހުރެގެން، ރޫލިންގ ޕާޓީ ރިޕްރެޒެންޓްކުރާ ފަރާތެއްގެ ހައިސިއްޔަތުން ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމަށް (ކުރިމަތިލެއްވީ)" ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޓީވީ ޕްރެޒެންޓަރު ވިދާޅުވި އެވެ.
ނަމްޒާ ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވަން ނިންމެވީ ޕްރައިމަރީ ކާމިޔާބުކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދަކާއިއެކުގައި ކަމަށާއި އެހެންކަމުން ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިއީ އަޅުގަނޑު އެޅި ފުރަތަމަ ފިޔަވަޅޭ ސިޔާސީ ދާއިރާއަށް ނިކުތުމަށް، ޕްރައިމަރީގައި ނާކާމިޔާބުވުން ނުވަތަ ޓިކެޓު ލިބިގެން މަޖިލީހަށް ކުރިމަތިލައިގެން ނާކާމިޔާބުވުން އެއީ އަޅުގަނޑު މިދާއިރާއަށް ނިކުތުމުގެ ސެލްފް ފެއިލިއާއެއް ކަމަށް އަޅުގަނޑު ގަބޫލުކުރާނެ ކަމެއް ނޫން." ނަމްޒާ ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުން ނަމްޒާއަށް ވޯޓުދޭން ޖެހެނީ ކީއްވެތޯ ސުވާލުކުރުމުން ނަމްޒާ ވިދާޅުވީ އޭނާއަށް އެދާއިރާގެ ރައްޔިތުން އިތުބާރު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ރައްޔިތުން އޭނާއަށް ކުރައްވާ އިތުބާރު ގެއްލުވާނުލައްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގު ހޯދައިދޭން މަސައްކަތްކުރާނީ ވާހަކައިން ނޫން ކަމަށާއި އެކަން އަމަލުން ވެސް ދައްކާނެ ކަމަށް ނަމްޒާ ވިދާޅުވި އެވެ.
"ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންނަށް ދަންނަވާލަން އޮތީ އިތުބާރުކުރައްވާށޭ އަޅުގަނޑަށް، އެ އިތުބާރު އަޅުގަނޑު ގެއްލުވައެއް ނުލާނަމޭ، އެބޭފުޅުންގެ އެއްބާރުލުމާއިއެކުގައިއޭ އަޅުގަނޑަށް އެބޭފުޅުންގެ ހައްގުގައި ނިކުމެވެން އޮތީ، އެހެންވީމަ އެ ޔަގީންކަން އެބޭފުޅުންނަށް އަރުވަމޭ،" ނަމްޒާ ވިދާޅުވި އެވެ.
ނަމްޒާ ވިދާޅުވި ގޮތުގައި ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް ކުރިއަށް އޮތްތަނުގައި ވެސް ސިޔާސީ ދާއިރާއިން ފެންނާނެ އެވެ. އަދި ގައުމަށް ހިދުމަތްކުރުމުގައި ވެސް ދެމިހުންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކެމްޕެއިން އަދި ނުފެށި ނަމަވެސް ވަރަށް އަވަހަށް ކެމްޕެއިންގެ ހަރަކާތްތައް ފަށާނެ ކަމަށެވެ.
ނަމްޒާ ޕްރައިމަރީ ކާމިޔާބުކޮށް ޕީޕީއެމް ޓިކެޓު ލިބިވަޑައިގެންފިނަމަ އޭނާ ވާދަކުރައްވަން ޖެހޭނީ އެ ދާއިރާގެ މިހާރުގެ އެމްޑީޕީ މެންބަރު އީވާ އަބްދުﷲ އާއި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ