ދ.އަތޮޅު ކައުންސިލުން ހަލައްކަ ރުފިޔާގެ ކަރަންޓު ބިލް ނުދައްކާ އެބައޮތް

ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ކަރަންޓު ބިލަށް 6 ލައްކައަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ވާކަމަށް އެ އިދާރާގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވި ދ އަތޮޅު ކައުންސިލްގެ އޮޑިޓް ރިޕޯޓް ބުނާގޮތުން، 2012 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2013 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް އެ އިދާރާގެ އެއްވެސް ކަރަންޓު ބިލެއް ދައްކާފައި ނުވާ ކަމަށާއި، އަދި އެ ބިލްތަކަށް ޖުމްލަ 641،001.39 ރުފިޔާ އަރައެވެ.
އެ ފައިސާގެ ތެރޭގައި، ސެންޓްރަލް ޔޫޓިލިޓީސް ކޮމްޕެނީއަށް ދޭންޖެހޭ 547،463.85  ރުފިޔާގެ ބިލްތަކާއި، ފެނަކަ ކޯޕަރޭޝަނަށް ދައްކަންޖެހޭ 93،574.54 ރުފިޔާގެ ބިލްތައް ހިމެނޭ ކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބުނެއެވެ. އަދި މީގެ ތެރޭގައި ދ އަތޮޅު އަތޮޅުގޭގެ 166،324.37  ރުފިޔާގެ ކަރަންތު ބިލެއްވެސް ހިމެނޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އަދި، ކައުންސިލްގެ ފަރާތުން ކުއްޔަށް ދޫކުރާ ބިންތަކުގެ އެއްބަސްވުންތަކަށް އަތޮޅު ކައުންސިލުން ޢަމަލު ނުކުރާ ކަމަށާއި، ފައިސާގެ ރެޖިސްޓްރީ ތައްޔާރު ކޮށްފައި ނުވުމުގެ އިތުރުން، އާމްދަނީ ރިޕޯޓްވެސް ތައްޔާރުކޮށްފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ.
މީގެ އިތުރުން، ޚިދުމަތާއި ތަކެތި ހޯދުމުގައި މާލިއްޔަތު ގަވާއިދަށް ޢަމަލުކޮށްފައި ނުވާކަމަށާއި، އަތޮޅު ލޯންޗުތަކުން ކޮށްފައިވާ ދަތުރުތަކަށް ލިބެންޖެހޭ ފައިސާވެސް ހޯދާފައި ނުވާކަމަށް ބުނެފައިވެއެވެ. އަދި އެ ކައުންސިލް އިދާރާގެ ސިއްކަވެސް ރަޖިސްޓްރީ ކޮށްފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ