ތިން ކެންޑިޑޭޓުންނާއިއެކު އެއްބައިވަންތަ ސަރުކާރެއް އުފައްދާނަން - ގާސިމް

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވިއްޖެނަމަ ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި އަނެއް ތިން ކެންޑިޑޭޓުން ކަމަށްވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދާއި ގައުމައިގެން ކުރިއަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޑރ.މުހައްމަދު ވަހީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނާއިއެކީގައި އެއްބައިވަންތަ ސަރުކާރެއް އުފައްދާނެ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޓީވީއެމްއިން އިންތިޒާމުކޮށްގެން ދަރުބާރުގޭގައި ބޭއްވި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މިގައުމު މިއަދު މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި އެގޮތުން އިގްތިސާދީ އިޖުތިމާއީ އަދި އިތުރުކަންތައްތައް ކުރެވޭނީ އެކަންކަން ކުރަން ދަންނަ ތަޖުރިބާ ލިބިފައިވާ ބަޔަކަށް ކަމަށެވެ.
"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮއްވަވައިފިނަމަ އަޅުގަނޑާއި އެކީގައި މި ތިއްބެވި ތިން ބޭފުޅުންނާއިއެކީގައި އެކުވެރިކަމުގެ ސަރުކާރެއް، ނުވަތަ އެއްބައިވަންތަ ސަރުކާރެއް އަޅުގަނޑުމެން އުފައްދާނެ، އެބޭފުޅުންނާއި އެބޭފުޅުންނަށް ތާއީދުކުރައްވާ ހުރިހާ ރައްޔިތުންނާއި އެކީގައި." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ތިން ކެންޑިޑޭޓުންނަށް ވެސް ގަދަރާއި ހައިބަތާއި ދީގެން ނޫނީ ވެރިކަން ނުކުރާނެ ކަމަށާއި އޭނާއަށް ލިބިފައިވާ ތަޖުރިބާ އާއި އިލްމުތަކާއި އެކީގައި މިގައުމު ތަރައްގީކުރާނެ ކަމަށެވެ. އަދި ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ރާއްޖެ ދުބާއީ ނުވަތަ ސިންގަޕޫރު ފަދަ ތަނަކަށް ހެދުމަށް މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބަހުސްގައި ރައީސް ވަހީދު ވިދާޅުވީ ރާއްޖެ ވަރަށް ބާރު ހަލުވި މިނެއްގައި ބަދަލުވަމުންދާއިރު މިބަދަލު މެނޭޖް ނުކުރެވިއްޖެނަމަ ވަރަށް ބޮޑެތި ހިތާމަތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. މިއަދު ހަތަރު ރިޔާސީ ކެންޑިޑޭޓުން ކުރިމަތީގައި ތިބިއިރު ހިޔާރުކުރައްވާ ބޭފުޅެއްގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް އޭގެ އަސަރުކޮށްގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަންނަމުންދާ ބަދަލުތައް ހަމަޖެއްސުމަށްޓަކައި އެކަމުގެ ކެތްތެރިކަމާއި ގާބިލްކަމާއި ތަޖުރިބާހުރި ބޭފުޅަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން މި ރާއްޖޭގެ ޑިމޮކްރަސީ ދަމަހައްޓާނަން، ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި މަސައްކަތްކުރާތާ ލައްކަ ދުވަސްވެއްޖެ، މިތާންގައި ތިއްބެވި ކޮން ބޭފުޅަކާއި އެއް ފެންވަރަށް އަޅުގަނޑަށް ވެސް ހުންނާނީ މަސައްކަތްކުރެވިފައި، އެހެންވީމަ އަޅުގަނޑުވެސް ބޭނުން މި ޑިމޮކްރަސީ ދަމަހައްޓަން." ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ޑިމޮކްރަސީގައި ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ރައްޔިތުންގެ ތެރޭގައި ހަމަނުޖެހުން ހިންގާ ތަންތަނުގައި ރޯކޮށް މީހުން މަރައިގެން ނުވާނެ ކަމަށާއި ރާއްޖެ އަށް އެ އާދަކާދަ ގެނައުމަކީ ރާއްޖެއަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އިތުރު ދައުރެއް ލިބިއްޖެނަމަ ދިވެހިރާއްޖޭގައި ހަމަޖެހުން ދަމަހައްޓާނެ ކަމަށެވެ.
"ތިޔަބޭފުޅުންނަށް ފެނިވަޑައިގެންފި، އަޅުގަނޑުގެ ކުރު ދޮޅު އަހަރު ދުވަހުގެ މަސައްކަތް، މިމަސައްކަތުގެ ތެރޭގައި ރާއްޖެ ވަރަށް ނުރައްކާތެރި ހާލަތެއްގައި އޮއްވާ މިއަދު މިތިބީ ސުލްހަވެރިކަމާއިއެކީގައި މިހާ އިންތިހާބަކާއި ހަމައަށް އާދެވިފައި، ކިތަންމެ ބަޔަކު ބުނި އިންތިހާބެއް ނުބާއްވާނެއޭ، އެކަމަކު އިންތިހާބުވެސް އިރާދަކުރެއްވިއްޔާ އޮންނާނެ، އަދި އިންތިހާބުގައި ކާމިޔާބުކުރައްވާ ބޭފުޅަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ވެސް ލިބިވަޑައިގަންނަވާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ވާދަކުރައްވާ ތިން ކެންޑިޑޭޓުންނަކީ ވެސް މިވަގުތު ސަރުކާރު ހިންގަން ތިބި ތިން ކެންޑިޑޭޓުންނަށްވާއިރު އެމްޑީޕީގެ 3 އަހަރު ދުވަހު ކުރެވުނު މަސައްކަތާއި 30 އަހަރު ކުރެވުނު މަސައްކަތާއި 2 އަހަރު ކުރެވުނު މަސައްކަތް ވަރަށް ބޮޑަށް ރައްޔިތުންނަށް ސާފުކޮށް އެނގިފައިވާ ކަމަށެވެ.
އެމްޑީޕީއަށް 57 ރަށެއްގެ ބަނދަރު ހެދުނުއިރު 2 އަހަރުގެ ސަރުކާރަށް އެއްވެސް ބަނދަރެއް ހެދިފައިނުވާ ކަމަށާއި އެމްޑީޕީއަށް 17 ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމުކުރެވުނުއިރު 2 އަހަރު ސަރުކާރަށް އެއްވެސް ރަށެއްގައި ނަރުދަމާގެ ނިޒާމު ގާއިމު ކުރެވިފައިނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަދި އެމްޑީޕީއަށް 6 ރަށުގައި ފެނުގެ ނިޒާމު ލެވުނުއިރު 2 އަހަރުގެ ސަރުކާރަށް އެއްވެސް ރަށަކަށް ފެނުގެ ނިޒާމެއް ނުދެވުނު ކަމަށާއި އެމްޑީޕީ ސަރުކާރުގައި 20 ކިލޯ މީޓަރުގެ މަގު ހަދާފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރަށް އެންމެ ކިލޯ މީޓަރެއްގެ މަގެއް ވެސް ހެދިފައިނުވާ ކަމަށެވެ.
"ބަޣާވާތުގެ ސަރުކާރުގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުން މިދަނީ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގެމުން، ރާއްޖޭގެ ރައްޔިތުންނަށް އެބަ ވިސްނޭ ދެން އަނެއްކާވެސް އަޅުގަނޑުމެންގެ ވާދަވެރިންގެ ގޮތުގައި މިތިއްބެވީ ބާޣީންގެ ސަރުކާރެއްގެ ގޮތުގައި ބަޣާވާތެއް ހިންގަވައިގެން ތިބޭފުޅުންކަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެދެނީ މި ރާއްޖޭގައި ސުލްހަވެރިކަމާއިއެކީގައި ސިޔާސީ ހަރަކާތް ހިންގުމާއި ވޯޓުން ސަރުކާރު ބަދަލުވުމަށް ކަމަށާއި ރާއްޖެއިން ފިއްލަވާ ބޭފުޅުންނަށް ރައްޔިތުން ތިބީ އިތުރު ފުރުސަތެއް ދޭ ގޮތަކަށް ނޫން ކަމަށެވެ.
އަދި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ މިރާއްޖޭގައި އުޖާލާކަމާއި އުފާފާގަތިކަން ލިބުން ކަމަށާއި އެމްޑީޕީން އެދޭ ގުލްޒާރު ނުވަތަ އުފާވެރި ރައްޔިތެއް ދިރިއުޅޭ ގައުމަކަށް ހަދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ބޯޅަ ދަނޑާއި ބަނދަރުތަކާއި މަދަރުސާތައް އެއް ދަންފަޅިއަކަށް ހަދާ ރާއްޖެ ތަރައްގީ ކުރާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ