ނަތީޖާ ގަބޫލެއް ނުކުރަން - ގާސިމް

ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރާ ކަމަށާއި މާދަމާ އެމައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އިންތިހާބަށްފަހު ފުރަތަމަ ފަހަށް މ.ކުނޫޒުގައި ގާސިމާއި އޭނާގެ ރަނިން މޭޓް ޑރ. ހަސަން ސައީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ވޯޓުލުން ކުރިއަށް ދިޔަ ދުވަހު އިލެކްޝަންސް ކޮމިޝަން މެންބަރުންގެ ގާބިލްކަމާއި މެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ.
ގާސިމް ވިދާޅުވީ އިންތިހާބުގައި ފާހަގަކުރެވުނު ހުރިހާ ކަމެއް މިހާރު ދިރާސާކުރަމުންދާ ކަމަށާއި އެކަންތައްތައް ދިރާސާކޮށް ގޮތެއް ނިންމުމަށްފަހު މާދަމާ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ހޮނިހިރު ދުވަހު އިންތިހާބުގެ ކަންތައް ދިޔަ ގޮތުން ވަގުތު އިތުރު ކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ ކިބައިން އެދުނު ކަމަށާއި ނަމަވެސް ކޮމިޝަން މެންބަރުން މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމައިދޭނެ ކަމަށް ބުނެ އެކޮމިޝަންގެ ރައީސް ވަގުތު އިތުރުނުކުރަން ނިންމާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ކޮމިޝަނުން ކަންތައްތައް ކުރި ގޮތުން އެ ކޮމިޝަނާ މެދު އިތުބާރު ވެސް ނެތް ކަމަށާއި ކޮމިޝަނުގެ ނިންމުންތަކުގެ ސަބަބުން އެދުވަހު ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ހައްގުން މަހްރޫމްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާސިމްގެ ރަނިންމޭޓު ޑރ.ހަސަން ސައީދު ވިދާޅުވީ ބައެއް މީހުން ވޯޓުލާން ދިޔައިރު އެމީހުންގެ ނަމުގައި ފާހަގަ ޖަހާފައި ހުރުމާއި ލިސްޓުގައި 18 އަހަރު ނުފުރޭ މީހުންނާއި މަރުވެފައި ތިބި ގިނަ އަދަދެއްގެ މީހުންގެ ނަން ވެސް ހިމެނޭ ކަމަށެވެ.
ހަސަން ސައީދު ވިދާޅުވީ ވޯޓުލުން ކުރިއަށްދިޔައިރު ފާހަގަކުރެވުނު ހެކިތައް އެއްކޮށްފައިވާ ކަމަށާއި ކޯޓަށް މައްސަލަ ހުށަހަޅާނީ ސާބިތު ހެއްކާއިއެކުގައި އެވެ.
ގާސިމް ވިދާޅުވީ ގޮތުގައި މިފަހަރުގެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާނީ އޭނާ އަށް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް 95،000 ވޯޓު ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އެހެން ޕާޓީއަކާއި ކޯލިޝަން ހަދާނެތޯ ސުވާލުކުރުމުން ގާސިމް ވިދާޅުވީ އެކަންތައް ނިންމާނީ ފަހުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ