އެމްޑީޕީގެ އަޣުލަބިއްޔަތު ލިބިފައިވާ މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ އެޕާޓީއާއި އިދިކޮޅު ޚިޔާލުގެ ފަރާތްތަކަށް ޖެއްސުން ކުރަން ކަމަށާއި، ޕީޕީއެމްއަށް ކައުންސިލްގެ އަޣުލަބިއްޔަތު ލިބއްޖެ ނަމަ މިފަދަ ކަމެއް ނުހިންގާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ޓިކެޓްގައި މާލޭ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ގޮނޑިއަށް ކުރިމަތި ލައްވާ ޒައިދުލް އަމީންގެ ކެމްޕޭން އޮފީސް ހުޅުވުމަށްޓަކައި ރޭ ބޭއްވި ހަފުލާގައި ރައީސް މައުމޫން ވިދާޅުވީ، ސިޓީ ކައުންސިލްތަކަކީ އެ ސަރަހައްދެއްގެ ރައްޔިތުންގެ ލާބައަށް އެކި ސިޔާސަތުތައް ރާވަންޖެހޭ ބައެއް ކަމަށާއި، ވަކި ސިޔާސީ ފިކުރަކަށް ބެލުމެހ ނެތި މަސައްކަތް ކުރަންޖެހޭ ތަންތަންކަމަށެވެ.
މައުމޫން ވިދާޅުވީ މިހާރުގެ މާލޭ ސިޓީ ކައުންސިލުން އެމަނިކުފާނުގެ ގެކޮޅު މއ. ކިނބިގަސްދޮށުގެ ދައުލަތަށް ނެގުމަށް ފާސްކުރި ކަމަށާއި އެއީ އެމަނިކުނާފަށް ގޯނާ ކުރުމުގެ ގޮތުން ގާނޫނީ އިމުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށެވެ.
"މަގުމަތީގައި ޖަލްސާ ބާއްވާ މީހުންގެ ގޭގޭ ނެގުމަށް ނިންމާ މިކަހަލަ ކަންކަމަކީ ސިޓީ ކައުންސިލަކުން ކުރަން ޖެހޭ ކަންކަމެއް ނޫން. އެ ބޭފުޅުން އިންތިހާބު ކުރެވުނީ ވަކި ބަޔަކަށް ކަންތައްތަކެއް ކޮށްދޭން އަދި ޖެއްސުން ކުރާކަށް ނޫން. އަޅުގަނޑުމެންނަށް، ޕީޕީއެމްއަށް ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ މަގުމެދުގައި ޖަލްސާ ބާއްވާ، ގ. ކެނެރީގެ ނަގާކަށް ނުނިންމާނަން." މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރަކުން ކުރިއަށް ގެންދާ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިޔުމަށް ކައުންސިލްތަކާއި މަޖިލީހުގެ އެއްބާރުލުން ލިބެން ޖެހޭ ކަމަށާއި، އެހެނަސް ސަރުކާރާ އިދިކޮޅަށް މަސައްކަތް ކުރާ ބަޔަކަށް ގިނަ ގޮނޑިތަކެއް ލިބިގެން ހިނގައްޖެ ނަމަ ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސް އެޅޭނެ ކަމަށެވެ.
އަދި މިކަމަކީ ހަމަނުޖެހުމަށްވެސް މަގުފަހި ވެގެން ގޮސްފާނެ ކަމަކަށް ވެދާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމަށް ކައުންސިލް އަޣުލަބިއްޔަތު ލިބުނަސް ޖެއްސުމެއް ނުކުރާނެ - ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ