ހަނގާކުރުމާއި ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމުގައިވާ، އެންޓި ބުލީން ސޮސައިޓީ، ރަސްމީކޮށް އިފްތިތާހުކުރުމުގެ ހަފްލާ މާދަމާ ހަވީރު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން އެންޓި ބުލީން ސޮސައިޓީގެ ޗީފް އޮޕަރޭޝަންސް އޮފިސަރ އަބްދުﷲ ހުމައިދު ވިދާޅުވި ގޮތުގައި އެ ޖަމިއްޔާ އިފްތިތާހް ކުރުމުގެ ރަސްމިއްޔާތާއި ގުޅުވައިގެން ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ޙާއްސަކޮށްގެން އާއިލީ ހަވީރެއް މާދަމާ ހަވީރު ރާޅުގަނޑު ސަރަހައްދުގައި އޮންނާނެ ކަމަށެވެ.
ހުމެއިދު ވިދާޅުވި ގޮތުގައި މި ހަވީރު ކުރިއަށް ދާއިރު އެ ޖަމިއްޔާގެ މެންޓަލް ހެލްތް ސަޕޯޓް ޑިޕާޓްމެންޓްގެ ކައުންސެލަރ އަކާއި ސައިކޮލޮޖިސްޓެއް ވެސް ހަރަކާތްތެރިވާނެއެވެ. މާދަމާ ހަވީރު 4 އިން 6 ގެ ނިޔަލަށް ކުރިއަށް ގެންދާ މި އާއިލީ ހަވީރު ކުރިއަށް ދާއިރު އެސަރަހައްދުގައި ޖަމިއްޔާގެ ފަރާތުން ފަންޑް ރެއިޒް ކުރުމަށް ޙާއްސަ ފަންޑު ފޮއްޓެއް ވެސް ބެހެއްޓިފައި ހުންނާނެ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތުދެއެވެ.އެންޓި ބުލީން ސޮސައިޓީގެ ފަރާތުން ނ.ވެލިދޫގައި ބޭއްވި ހަރަކާތުގެ ތެރެއިން. ފޮޓޯ: އޭބީއެސް ޖަމިއްޔާ
ހަނގާކުރުން ނުވަތަ ބުލީކުރުމަކީ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އެހެން ނަމަވެސް އެކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ޒުވާނުންތަކެއްގެ އިސްނެގުމަށް އުފައްދާފައިވާ، އެންޓި ބުލީން ސޮސައިޓީ އަކީ ހަނގާކުރުމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ރާއްޖޭގައި މިހާތަނަށް އުފެއްދި ފުރަތަމަ ޖަމިއްޔާކަން ފާހަގަކޮށްލެވެއެވެ. އެ ޖަމިއްޔާގެ ފަރާތުން ދާދި ފަހުން ވަނީ ނ.ވެލިދޫގައި ވެސް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ.
އެންޓި ބުލީން ސޮސައިޓީ އިފްތިތާހު ކުރުން މާދަމާ ހަވީރު މާލޭގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ