ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް އެއްވެސް އިންތިހާބެއްގައި ބައިވެރި ނުވެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޕީޕީއެމްގެ ކައުންސިލްގެ މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެވެ.
ސުޕްރީމް ކޯޓުގެ ބޭރުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ އެ މައްސަލަ ހުށަހަޅުއްވާފައި ވަނީ ނަޝީދުގެ ކެންޑިޑެންސީއާ މެދު އިލެކްޝަނުން އަމަލުކޮށްފައިވާ ގޮތުން ކަމަށާއި ގާނޫނު ލާޒިމްކުރާ ކަންތައް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިނުވާކަން އެނގޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އަދި އެ މައްސަލަ ހުށަހެޅުއްވީ ނަޝީދުގެ އަމަލުތައް ހުރީ ގާނޫނުއަސާސީ އާއި އޭގެ ރޫހާ ހިލާފަށް ކަމަށާއި ކެންޑިޑެސީއާ މެދު ގޮތްތަކެއް ނިންމަންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށް ވެސް މަޝްހޫރު ގާނޫނީ ވަކީލް ވިދާޅުވި އެވެ.
ވައްޑެ ހުށައަޅުއްވާފައިވާ މައްސަލައިގައި އެދިވަޑައިގެންފައިވަނީ ނަޝީދަށް އެއްވެސް އިންތިޚާބެއްގައި ވާދަ ނުކުރެވޭނެ ގޮތަށް ކަނޑައެޅުމުގެ އިތުރުން އިންތިޚާބުގަ ބޭނުންކުރާ ވޯޓް ކަރުދާސް ޗާޕް ކުރުން ފަސް ކުރުމުގެ އަމުރަކަށެވެ.
ވައްޑެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ނަޝީދަށް ވާދަނުކުރެވޭނެ ކަމަށް ކަނޑައަޅަން ޖެހުނީ ނަޝީދަކީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފްވާކަހަލަ ވާހަކަތައް ދައްކަވާފައިވާ ބޭފުޅަކަށް ވާތީއާއި ފަނޑިޔާރުންނަށް ބިރުދައްކައި އަދި ހަމައެހެންމެ ފަނޑިޔާރުން ހިފައި ހައްޔަރުކުރުމަށް ގޮވާލައިފައިވާތީ ކަމަށެވެ.
ނަޝީދުގެ ކެންޑިޑެސީ ބާތިލްކުރަން ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މޫސާ އަންވަރު ވެސް ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކުރިން ވެސް ހުށަހެޅި އެވެ. އެހެންނަމަވެސް އޭނާ އަމިއްލައަށް އެ މައްސަލަ ވަނީ އަނބުރާ ގެންގޮސްފައެވެ.
ވައްޑޭ މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކިގޮތެއް ނިންމާފައި ނުވެ އެވެ.
ނަޝީދަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ