އަޅުގަނޑަކީ ފާޅުގައި ވަކި ގޮތަކަށް ސިއްރުގައި ވަކި ގޮތަކަށް ވާހަކަދައްކާނެ މީހެއް ނޫން - މައުމޫން

ފާޅުގައި ވަކި ގޮތަކަށް ވާހަކަފުޅުދެއްކެވުމަށްފަހު ސިއްރުގައި ވަކި ގޮތަކަށް ވާހަކަފުޅުނުދައްކަވާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެގޮތަކަށް ވާހަކަފުޅުނުދައްކަވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ގދ.ތިނަދޫގައި މިއަދު ހަވީރު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ ވޯޓު ދިނުމަށް އާންމު ތަންތަނުގައި ވާހަކަފުޅުދެއްކެވުމަށްފަހު ހަގީގަތުގައި ޔާމީން ހޮވަން ބޭނުން ނުވާ ކަމަށާއި އެމަނިކުފާނު ތާއީދުކުރައްވަނީ އެހެން ފަރާތަކަށް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކައެކޭ، އަޅުގަނޑަކީ ފާޅުގައި ވަކި ގޮތަކަށް ވާހަކަދައްކާފައި ސިއްރުގައި އެހެން ގޮތަކަށް ވާހަކަދައްކާ މީހެއް ނޫނޭ، ވާހަކަ ދައްކާނެ މީހެއް ވެސް ނޫނޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް މައުމޫންގެ އާއިލާ ދެބަޔަކަށް ބެހިފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ އާއިލާ ތިބީ އެއް ސަފެއްގައި ކަމަށާއި އާއިލާގެ ހުރިހާ އެންމެން ވެސް ތިބީ އެއް ގޮތެއްގައި ކަމަށެވެ. އަދި އެންމެން ވެސް ތިބީ ޔާމީނަށް ތާއީދުކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ އެމަނިކުފާނާއި ބެހޭގޮތުން އެކި ޕާޓީތަކުގެ ކެންޑިޑޭޓުން އެކި ގޮތްގޮތަށް ވާހަކަދައްކަވަމުން ގެންދަވާ ކަމަށާއި އެގޮތުން ބައެއް ބޭފުޅުން އެމަނިކުފާނާއި ބެހޭގޮތުން ވަރަށް ރަނގަޅު ވާހަކަތައް ދައްކަވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެއީ ވަކި މަގްސަދެއްގައި ވިދާޅުވާ ވާހަކަތަކެއް ކަމަށާއި އެކަން ވިސްނަން ޖެހޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
އަދި ރިޔާސީ ކެންޑިޑޭޓުން އެކި ގޮތްގޮތަށް ވާހަކަދައްކަނީ އެހެން ގޮތަކަށް ވޯޓު ބަދަލުކުރަން ކަމަށާއި އެހެންކަމުން އެ ކެންޑިޑޭޓުން ދައްކަވާ ވާހަކަތައް އަޑު ނޭއްސެވުމަށް އެދޭ ކަމަށެވެ. އަދި އެގޮތަށް ވާހަކަދައްކަނީ ރައްޔިތުންނަށް ހެޔޮ އެދިވަޑައިގެން ނޫން ކަމަށާއި އެހެންކަމުން ރައްޔިތުން ހޭލުންތެރިވާން ޖެހޭ ކަމަށެވެ.
ދާދި ފަހުން މާލެ އަތޮޅު ގުޅިއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ 30 އަހަރުގެ ތެރޭގައި ރައީސް މައުމޫން ކޮށްދެއްވި ކަންކަން ގިނަ ކަމަށާއި ވަރަށް ގިނަ ރަނގަޅު ކަންކަމުގެ ބިންގާ މައުމޫން އަޅުއްވައިދެއްވާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ