ޔާމީނަށް ރިޔާސީ އިންތިޙާބު ކާމިޔާބު ވުމުގެ ފުރުސަތު ވަރަށް ބޮޑު- ރައީސް މައުމޫން

ކުރިއަށް އޮތް ރިޔާސީ އިންތިޙާބު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބުދުﷲ ޔާމިނަށް ކާމިޔާބުވާނެކަމުގެ އުންމީދު މިހާރު ވަރަށް ބޮޑުކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަށް ތާޢިދު ހޯދަވައިދެއްވުމުގެ ގޮތުން އެމްޑީއޭ އާއި ޕީޕީއެމް ގުޅިގެން ހަދާފައިވާ ކޯލިޝަނުން ތ.އަތޮޅަށައި، ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމައްފަހު މާލެ ވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް މައުމޫނު ވިދާޅުވީ ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރު ފުޅެއްކަމަށާއި، ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ދާން ހަމަޖެހިފައިވާ ހުރިހާ ރަށަކަށް ނުދެވުނުކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މިދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް. އެހެންނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އަޅުގަނޑުމެން ދާންބޭނުންވި ހުރިހާރަށަކަށް ނުދެވުނު. އަޅުގަނޑުމެންނަށް ދެވުނީ ދެރަށަށް. އަޅުގަނޑުމެންނަށް މިދަތުރުގައި ދެވުނީ ތ.ހިރިލަންދުއަށާއި، ދ.ކުޑަހުވަދޫއަށް އެކަނި. އެހެންނަމަވެސް އަޅުގަނޑުމެން ގަސްތުކޮއްފައި އޮތް ފ.ނިލަންދޫއަށާއި،މ.އަތޮޅު މުލަކަށާއި މ. ދިއްގަރަށްވެސް ދާން އޮތީ ހަމަޖެހިފަ." ކަމަށް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރަށްވެސް ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން މި ކުރި ދަތުރު ވަރަށް ކާމިޔާބުކަމަށާއި، އެހެންކަމުން މިހާރު އެމަނިކުފާނުގެ އިންތިޙާބާމެދު ކުރައްވާ އުންމީދު ވަރަށް ބޮޑު ވެއްޖެކަމަށެވެ. "މިދަތުރުގައި ޕީޕީއެމްއާއި އެމްޑީއޭގެ އިސް ވަރަށް ގިނަ ފަރާތްތަކުންވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެހެންކަމުން މިދަތުރަކީ ވަރަށްވެސް ކާމިޔާބު ދަތުރެއްކަމުގައި އަޅުގަނޑު ދެކެނީ އަޅުގަނޑުމެންނަށް މިހުރިހާ ރަށަކުންވެސްފެނުނީ ވަރަށް ބޮޑު ތާޢިދެއް" ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
މީގެ އިތުރަށްވެސް މައުމޫނު ވިދާޅުވީ އިލެކްޝަން ކޮމިޝަނާ ގުޅޭ މައްސަލައެއް ސްޕްރީން ކޯޓަށް ޕީޕީއެމުން ވައްދާފައިވަނީ ފަހަރެއްގައިވެސް އިންތިޙާބުން ޕީޕީއެމް ބަލިވެދާނެތީކަމުގައި ނޫންކަމަށެވެ. ރިޔާސީ އިންތިޙާބަކީ ހުރިހާރައްޔިތުންވެސް އިތުބާރުކުރާ އެއްވެސް ފަރާތަކުން އެއިންތިހާބުގެ ނަތީޖާއާމެދު ޝައްކު ނުއުފައްދާ ފަދަ އިންތިހާބަކަށް ހެދުމައް ޕީޕީއެމުން ބޭނުންވާކަމަށް މައުމުނު ވިދާޅުވިއެވެ. އަދި އިލެކްޝަން ކޮމިޝަނާމެދު ރައްޔިތުންގެ ހިތުތެރޭގައި ޝައްކުތަކެއް އުފެދިފައިވާ ޙާލަތެއްގައި އިންތިޙާބެއް ބާއްވައިފިކަމުގައިވަނިނަމަ އެކަމުން ރައްޔިތުންނަށް މާބޮޑު ފައިދާއެއް ކޮއްފާނެކަމަށް ގަބުލުނުކުރެވޭކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
"އިލެކްޝަން ކޮމިޝަން ތެރޭގައި ޙަގީގަތުގައިވެސް މައްސަލަތެއް ހުރިކަން އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭތީވެ އެމައްސަލަ ސްޕްރީމް ކޯޓަށް ވެއްދީ. ޙަޤީގަތުގައި މިއިންތިޙާބް ވާންޖެހޭނެ ވަރަށް އިންސާފުވެރި ވަރަށް ހާމަކަންބޮޑު އިންތިޙާބަކަށް. އެއްވެސް މީހަކަށް ޝައްކުކުރެވޭފަދަ ގޮތަކަށް އެއްވެސް ކަމެއް އޮވެގެންނުވާނެ. ވޯޓާރސް ރަޖިސްޓަރީތައްވެސް ފުރިހަމަ ވާންޖެހޭނެ. ވޯޓު ފޮށި ކައިރީގައި އޮންނަ ލިސްޓާ އިލެކްޝަން ކޮމިޗަނުން އާންމު ކޮއްފައިވާ ރަޖިސްޓަރީ ލިސްޓާ އެއްގޮތްވާން ޖެހޭނެ. ނަމަވެސް އިލެކްޝަން ކޮމިޝަނާ އަޅުގަނޑުމެން(ޕީޕީއެމް)އިން ސުވާލުކުރީމާ އެކަށީގެންވާ ޖަވާބެއްނުލިބޭ" ކަމަށް ރައީސް މައުމޫނު މިއަދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ