ކަސްޓަމަރެއްގެ މައުލޫމާތު ލީކް ކުރި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފ. ނިލަންދޫ ބްރާންޗްގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް 8 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެެވެ.
ގާސިމަށް ހުކުމް ކުރުމަށް ބޭއްވި އަޑުއެހުން ކްރިމިނަލް ކޯޓުގައި ފެށީ މިއަދު ހަވީރު 4:00 ޖެހިއިރު އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ދައުލަތުން އެދިގެން ކުރިއަށް ގެންދަނީ ސިއްރުކޮށްގެން ކަމަށްވާތީ މިމައްސަލަ ކުރިއަށް ދިޔަ ގޮތެއް އަދި މިއަދުގެ އަޑުއެހުމުގައި ކަންކަން ހިނގާދިޔަ ގޮތެއް ސާފުވެފައެއް ނުވެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ތެރޭގައި ހިންގާފައި ހުރި ހިޔާނާތުގެ އަމަލުތަކުގެ ތެރެއިން ހޯދި ފައިސާތަކެއް ކަމަށް ބެލެވޭ ފައިސާތަކެއް ޖަމާކުރި ކަސްޓަމަރެއްގެ މައުލޫމާތު ނަހަމަ ގޮތުގައި ބަޔަކާ ހިއްސާކުރުމުގެ ތުހުމަތުގައި ގާސިމް ހައްޔަރުކުރީ މިއަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
މިމައްސަލާގައި ދައުލަތުން ވަނީ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު އާންމު ކުރުމުގެ ދައުވާ ގާސިމްގެ މައްޗަށް އުފުލާފަ އެވެ.
ގާސިމްގެ މައްޗަށް ހުކުމްކޮށްފައި މިވަނީ އޭނާގެ މައްޗަށް ހުކުމް ކުރެވިގެން ނުވާނެ ކަމަށް ބުނެ ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގާސިމްގެ ދިފާއުގައި ކެމްޕޭނެއް ހިންގަމުން ދަނިކޮށެވެ. އަދި ގާަސިމްގެ ނަން މިހާރު ވަނީ އިންޓަނޭޝަނަލް އެންޓި ކޮރަޕްޝަން އެވޯޑަށް ޝޯޓްލިސްޓް ވެސް ވެފަ އެެވެ.
ގާސިމް މައްސަލާގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާސިމުގެ އަމަލަކީ މުޅި މުޖުތަމައުގެ ހައްގުގައި ކުރި ކަމަކަށްވާތީ އޭނާގެ މައްޗަށް ދައުވާ އުފުލުމުގެ ބަދަލުގައި ދައުލަތުން ޖެހޭނީ އޭނާއަށް ހިމާޔާތް ދޭން ކަމަށެވެ.
ގާސިމްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފެށުމާއެކު ޝަރީއަތް ނިމެންދެން އޭނާ ގޭގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެހެންކަމުން މިއަދު ހުކުމް ކުރުމާ ހަމައަށް އޭނާއަށް ހުރީ ގޭބަންދުގަ އެވެ.
ގާސިމް އަށް މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ