އުއްތަމަ ފަނޑިޔާރު ކަމުގެ ހުވާ އަބްދުﷲ ސައީދު ކުރައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު، އެކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމުގެ ހުވާ މިރޭ ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ކުޑައިރުކޮޅެއް ކުރިން ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ކަމުގެ ހުވާ، އަބްދުﷲ ސައީދު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކުރިފުޅުމަތީގައިއެވެ. ހުވާލާދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު މިރޭ އައްޔަންކޮށްފައިވާއިރު ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިނާއި ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަގާމުން ވަކިކޮށްފައެވެ.
އަބްދުﷲ ސައީދު އައްޔަންކޮށްފައިވަނީ 55 މެންބަރުންގެ އިއްތިފާގުންނެވެ. އޭނާ މި މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް އެއްވެސް ބޭފުޅަކު ވޯޓު ދެއްވާފައިނުވެއެވެ. މި ވޯޓުގައި އެމްޑީޕީން ބައިވެރިވެވަޑައިނުގެންނެވުމަށް ތްރީ ލައިން ވިޕެއް ވަނީ ނަގާފައެވެ.
މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ އަބްދުﷲ ސައީދު އެމަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ