މިއަދު ޤައުމު މިދެކޭ ހާލަތުގައި، ކުށްވެރި ކުރަން ޖެހޭނީ ދިވެހި ރައްޔިތުން - އިބްރާ

ޤާނޫނު އަސާސީގައި ވާގޮތަށް ސުޕްރީމު ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ކުޑަކޮށް ދެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށް، މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި މާލޭ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.
މިއަދު "ވަގުތަށް" ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އިބްރާ ވިދާޅުވީ، މިކަމުގައި ހަމައެކަނި ސިޔާސީ ބޭފުޅުން ކުށްވެރި ކުރެވެން ނެތް ކަމަށެވެ.
"،ދެން މީގަ އަޅުގަނޑު ކުށްވެރި ކުރާނީ ސިޔާސީ ބޭފުޅުން އެކަންޏެއް ނޫން. މިއީ ދިވެހިރާއްޖޭގެ ރައްޔިތުން އަމިއްލައަށް ބުއި ބޮނޑިއެއް" އިބްރާ ވިދާޅުވިއެވެ.
އިބްރާ ވިދާޅުވީ، ޑިމޮކްރަސީއާއި އެކު ރައްޔިތުން ވޯޓުލައިގެން، ރައްޔިތުންނަށް އެންމެ ރަނގަޅު މީހުން ކަންކަމަށް އައްޔަން ކުރަން ލިބުމުން، "ނަފްސު ވިއްކާލައިގެން" ތިބި ބަޔަކު މަޖިލީހަށް ހޮވީ ރައްޔިތުން ކަމަށެވެ. އަދި މިއަދު މި ފެންނަނީ އެކަމުގެ ނަތީޖާ ކަމަށާއި، އެހެންކަމުން، މިއަދު ރައްޔިތުން ވޯޓު ދިން މީހުން ނިންމި ނިންމުމެއް ޤަބޫލު ނުކުރުމުގެ މާނައެއް ނެތް ކަމަށް ވެސް އިބްރާ ވިދާޅުވިއެވެ.
"މީގަ އެންމެ ބޮޑަށް ކުށްވެރި ކުރަން ޖެހޭނީ ދިިވެހިރާއްޖޭގެ ރައްޔިތުން. އެމީހުން އަމިއްލައަށް ކޮށްގެން ތިބި ކަމެއް މީ،" އިބްރާ ވިދާޅުވިއެވެ
އިބްރާ އިތުރަށް ވިދާޅުވީ މިއަދު ޤައުމު ގޮސްފައިވާ ހާލަތަށް ރައްޔިތުން ކުށްވެރި ކުރެވޭ އިރު އެކަން ރަނގަޅު ކުރުމުގެ ބާރުވެސް އޮތީ ރައްޔިތުންގެ އަތުގައި ކަމަށެވެ.
"ޑިމޮކްރަސީއާއި ޤާނޫނުގެ ވެރިކަން ދިވެހިރާއްޖޭގައި ރައްޔިތުން އޭތި ބޭނުން ވީމަ. އޭގެ ކުރިން ބަޔަކު ކިތަންމެ މަސައްކަތެއް ކުރިޔަސް އެކަމެއް ނުވާނެ. ޤާނޫނު އަސާސީ ފަހަތަށް ޖެހެމުން އައިސް، އަނެއް އަތަށް މި ވެއްޓުނީ، ރައްޔިތުންގެ ތެރޭގައި އެ ރޫހު ނެތުމުން،" އިބްރާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ