ކާރު ގަތުމުގައި ނާޖާއިޒް ފައިދާ ހޯދާ ދިންކަމަށް ސާމީ އަޤީލް އަދި އަލީ އާރިފް ވެސް އިންކާރު ކޮށްފި

ދައުލަތުގެ ބޭނުމަށް ފަސް ކާރު ހޯދުމުގައި ވަކިފަރާތަކަށް ނާޖާއިޒު ފައިދާ އެއް ހޯދައިދީފައިވާ ކަމަށް ދައުލަތުން  ފިނޭންސް މިނިސްޓްރީގެ ކުރީގެ ޓެންޑާ އިވެލުއޭޝަން ސެކްޝަން ހިންގުމާ ހަވާލުވެ ހުރި ޑިރެކްޓާ ޖެނެރަލް ސާމީ އަގީލާއި އެ މިނިސްޓްރީގެ ނެޝެނަލް ބަޖެޓް ފޯމިއުލޭޝަން އެންޑް އެނަލިސިސް ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަދި ޓެންޑާ އިވެލުއޭޝަން ބޯޑުގެ އޭރުގެ ޗެއާމަން އަލީ އާރިފްގެ މައްޗަށް ކޮށްފައިވާ ދައުވާއަށް ދެމީހުންވެސް އިންކާރު ކޮށްފިއެވެ.
މިދެމީހުންގެ މައްޗަށް އުފުލާފައިިވާ ދައުވާގައި ބުނެފައިވަނީ 6 ޑިސެމްބަރު 2012 ވަނަ އަހަރު ދައުލަތުގެ ބޭނުމަށް ފަސް ކާރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސްމިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހުޅުވާލި ބީލަން ކާމިޔާބުކުރި ފަރާތާއި ފިނޭންސާއި ދެމެދު  ވެފައިވާ އެއްބަސްވުމުގައި ބަޔާންކުރާ ކަންތައްތައް ފުރިހަމަނުވާ ކާރުތަކެއް އެކުންފުނިން އެތެރެ ކުރުމުން ވެސް އެތަކެއްޗާއި ފިނޭންސުން ހަވާލުވެ ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި މިއީ ވަކި ބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ދައުލަތުން ކުޅަ ދައުވާގައި ވެއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީޢަތުގައި ދައުވާއަށް އިންކާރު ކުރަމުން ސާމީ އަގީލް އަދި އަލީ އާރިފްވެސް ވަނީ މައްސަލައިގައި ކުރިއަށް ދާން ބޭނުމީ ވަކީލަކާއި އެކުގައި ކަމަށާއި އަދި ދަޢުލަތުން ވަކީލަކު ހަމަޖައްސައި ދިނުމަށް އެދޭ ކަމުގައި ބުނެފައެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނުން މިމައްސަލަ ބެއްލެވުމަށްފަހު ނެރުނު ބަޔާނުގައި ސަޕްލަޔަރަށް ފައިސާ ދޫކުރުމުގެ ހުއްދައަށް އެދި ބޭންކުން ފޮނުވި ދެ ލިއުމުގައި އެ ހުއްދަ ދިނުމުގެ ގޮތުން ސާމީ އަގީލް ސޮއިކުރައްވާ އެ ދެ ލިއުން ބޭންކަށް ފޮނުވައިފައިވާ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.
އޭރު ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އެތެރެކޮށްފައިވާ ފަސް ކާރުގެ އަގަށްވާ 2،898،000ރ. ފިނޭންސް މިނިސްޓްރީން ވަނީ ބީލަން ހަވާލުކުރި ފަރާތައް ދައްކައި ހަލާސްކޮށްފައިއެވެ.
މިއަދުގެ ޝަރީޢަތް ނިންމާލާފައި ވަނީ، ވަކީލަކު ހަމަޖެއްސުމަށް ސާމީ އަގީލަށް އަދި އަލީ އާރިފަށްވެސް ފުރުސަތު ދެމުންނެވެ. އަދި ދެން އޮންނަ ޝަރީޢަތަކަށް ވަކީލު ހާޒިރު ކުރެވޭ ނަމަ ހާޒިރު ކުރުމުން މައްސަލައެއް ނެތް ކަމުގައި ގާޒީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ