ކޮލަމާފުށީގައި ބަލި މަޑުކަމެއް: އެކަށީގެންވާ ފަރުވާ ލިބެމުން ނުދާތީ ރައްޔިތުން ކަންބޮޑުވެފައި

ގއ. ކޮލަމަފުށީގައި ބޭރަށް ހިންގުމާއި ހޮޑުލުން އާދަޔާ ހިލާފަށް އިތުރުވެ ރަށުން އެކަށީގެންވާ ފަރުވާ އާއި އަދި ކަމާ ގުޅޭ ބޭސް ލިބެން ނެތުމުން ރައްޔިތުން ކަންބޮޑުވެއްޖެ އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެމުން ކޮލަމާފުށީގެ ބައެއް ރައްޔިތުން ބުނީ ބޭރަށް ހިންގުމާއި ހޮޑުލުން ރަށުގައި އާންމުވެގެން އުޅޭއިރު ސިއްހީ މަރުކަޒުން އެކަށީގެންވާ ފަރުވާ ލިބެން ނެތް ކަމަށެވެ. އަދި ޑޮކްޓަރުން ލިޔެދޭ ބޭސް ވެސް ރަށުގައި ލިބެން ނެތް ކަމަށް ބައެއް މީހުން ބުނެ އެވެ.
ބައެއް މީހުން ބުނީ ކުޑަކުދިން ޑޮކްޓަރަށް ދެއްކުމުން ދީފައިވާ ބައެއް ބޭސްތައް ހުރީ މުއްދަތުވެސް ހަމަވެފައި ކަމަށެވެ. އަދި އެމަޖެންސީ ހާލަތުގައި ޑޮކްޓަރަށް ދައްކަން ދިއުމުން ވެސް ޑޮކްޓަރުގެ ޑިއުޓީ ގަޑި ނޫން ނަމަ ޑޮކްޓަރު ބަލި މީހުން ބަލަމުން ނުދާ ކަމަށް ބުނެވެސް ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އެންމެ ފަހުން އަޅުގަނޑާއި އަޅުގަނޑުގެ ދަރިފުޅު ބަލިވެގެން ދިޔައީ. ދަރިފުޅު އޭރުވެސް ވަރަށް ގަދަޔަށް ހޮޑުލާ. މަރުކަޒަށް ދިއުމުން ބުނީ ޑޮކްޓަރު މިވަގުތު ނޫޅެޔޭ. ޑޮކްޓަރަށް ގުޅާލުމުން ބުނީ އިންޖެކްޝަނެއް ޖަހާފަ ފޮނުވާލާށޭ. ތިމަންނަ ޑިއުޓީ ފެށޭ ގަޑި އަދި ނުޖެހެޔޭ. މީ އެކަމަކު އެއްވެސް ގޮތެއް ނޫން ކަންނޭގެ. މީހެއްގެ ފުރާނަ ދިޔަޔަސް ޑިއުޓީ ގަޑި ނޫން ވެއްޖެއްޔާ ޑޮކްޓަރު އެމީހަކު ނުބަލާ. އެއީތޯ ޑޮކްޓަރުންގެ ޒިންމާ؟ އަޅުގަނޑަށް ހީވަނީ ސިއްހީ މަރްކަޒުންވެސް މިކަމަސް ހައްލެއް ހޯދަ ދޭން ޖެހޭނެ ކަންނޭގެ" ދަރިފުޅު ބަލިވެގެން ތަކުރާރުކޮށް ޑޮކްޓަރަށް ދައްކަން ޖެހުނު ކުއްޖެއްގެ މަންމައަކަށް ދިމާވި ކަންކަން ހިއްސާ ކުރަމުން އޭނާ ބުންޏެވެ.
މިމައްސަލައާއި ގުޅިގެން ކޮލަމާފުށީ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު ޝިފާއުﷲ ސައީދު ވިދާޅުވީ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި ބޭސް ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް ވިދާޅުވީ އެއްވެސް ރަށެއްގައި ހުރިހާ ބޭހެއް ލިބެން ނުހުންނާނެ ކަމަށާއި އެގޮތުން އެރަށުން ވެސް އެކަހަލަ ކަމެއް ފަހަރުގައި ދިމާވެދާނެ ކަމަށެވެ.
"އެއްބޭސް ދެ ބޭސް ހުސްވެފަ ހުރެދާނެ. އެކަމަކު ރައްޔިތުންނަށް ދަތި ނުވާ ގޮތަށް ވީހާވެސް އަވަހަށް ބޭސް ގެންނަން އަބަދުވެސް. މިހާރު ހުސްވެފަ ހުރި ބޭސް ވެސް ވީއެންމެ އަވަހަކަށް ގެނެވޭތޯ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ،" އޭނާ ވިދާޅުވި އެވެ.
ޝިފާއު ވިދާޅުވީ އެސްޓީއޯއާއި ގުޅިގެން ބޭސް ގެނައުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ރަށުގައި އެސްޓީއޯގެ ބޭސް ފިހާރަ ހުޅުވި ފަހުން މިހާތަނަށް ބޭސް ނުލިބިގެން ރައްޔިތުންނަށް ދަތިވެގެން އެ ޝަކުވާ ލިބުން އާންމު ކަމަކަށް ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުއްދަތު ހަމަވެފައިވާ ބޭސް އެނގިގެން ދީފައި ނުވާނޭ ކަމަށާއި އެކަން އެނގިއްޖެ ނަމަ ކޮލަމާފުށީ ސިއްހީ މަރުކަޒުގެ ޓީމަކުން އެ ބޭސްތަށް ނައްތާލާނެ ކަމަށެވެ.
ކޮލަމާފުށީ ކައުންސިލުން ބުނީ ރަށުގައި މިވަގުތު ބަލިމަޑު ކަމެއް އުޅޭ ކަމަށާއި އެހެންނަމަވެސް ބޭސް ނެތިގެން ކައުންސިލަށް އެހާ ގިނަ ޝަކުވާ ލިބިފައި ނުވާ ކަމަށެވެ.
ކޮލަމާފުށީ ބޭސް ފިހާރަ އަކީ އެސްޓީއޯ އިން އަތޮޅު ތެރޭގައި އެންމެ ފުރަތަމަ ހުޅުވުނު ދެ ބޭސް ފިހާރައިގެ ތެރެއިން އެއް ފިހާރަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ