ރައީސް މައުމޫން ހައިކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އަންގައިފި

ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެމައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައިކޯޓުން އަންގައިފި އެވެ.
ރައީސް މައުމޫން މިމައްސަލަ މިމަހުގެ 20 ވަނަ ދުވަހު ހައިކޯޓަށް ހުށަހެޅުމުގެ ކުރިން ރައީސް ޔާމީން ފެކްޝަނަށް ތާއީދުކުރާ އައްބާސް ވާފިރު ކިޔާ މީހަކު ވަނީ ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފްކޮށްފަ އެވެ. އައްބާސް އިސްތިއުނާފް ކުރި މައްސަލާގައި ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށް މިމަހުގެ 23 ވަނަ ދުވަހު ހުކުމްކޮށްފަ އެވެ.
ހައިކޯޓުގެ ރަޖިސްޓްރާ ހަސަން އަލީ ސޮއިކުރައްވާ މިއަދު ފޮނުއްވި ލިޔުމުގައި ބުނެފައިވަނީ ރައީސް މައުމޫން ހައިކޯޓަށް ހުށަހެޅުއްވި މައްސަލާގައި ކޯޓުން މީގެ ކުރިން ހުކުމެއް އިއްވާފައިވާތީ އެމައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކުރުމުން ރައީސް މައުމޫން ވަނީ އެމައްސަލަ މިހާރު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން މީގެ ކުރިން ވިދާޅުވީ ރައީސް މައުމޫނަކީ ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ ފުރިހަމަ ތާއީދާއެކު ޕާޓީގެ ރައީސް ކަމަށް އިންތިހާބު ކުރައްވާފައިވާ ބޭފުޅެއް ކަަމަށެވެ. އަދި ރައީސް މައުމޫންގެ ދައުރު ހަމަނުވަނީސް އެމަނިކުފާނުގެ ބާރުތައް ގެއްލޭ ގޮތަށް ކަންކަން ވެެގެން ދިއުމަކީ ޕާޓީގެ އެތައް މެންބަރުންގެ ހައްގުތަކެއް ގެއްލިގެން ދިއުން ކަމަށްވެސް ވިދާޅުވި އެވެ. ސިވިލް ކޯޓުގެ ހުކުމް ހައިކޯޓާއި ސުޕްރީމް ކޯޓަށް ރައީސް މައުމޫން ހުށަހެޅީ ޕީޕީއެމްގައި ތިބި އެތައް މެންބަރެއްގެ ހައްގުގައި ކަމަށްވެސް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.
ރައީސް މައުމޫންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު ވިދާޅުވީ ޕީޕީއެމްގެ ރައީސްއަކީ ކާކުތޯ ސުޕްރީމް ކޯޓުގައި ސުވާލުކުރައްވާނެ ކަމަށެވެ.
ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމްކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ.
ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް ކުރެއްވި ހުކުމްގައި ބުނެފައިވަނީ ޕީޕީއެމްއަށް ކުރިމަތިވެފައިވަނީ ރައީސެއް ނެތް ފަދަ ހާލަތެއް ކަމަށާއި އެހެންކަމުން ޕާޓީގެ ހިންގުން އެޕާޓީގެ މުސްތަޝާރާ ހަވާލުކުރަން ހުކުމްކުރާ ކަމަށެވެ. އަދި އެހުކުމް ކުރާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޕާޓީގެ މުސްތަޝާރުގެ ރިޔާސަތުގައި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ.
ސިވިލް ކޯޓުގެ މިހުކުމަށް ތާއީދުކޮށް ހައިކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވާފައިވާ ހުކުމުގައި ބުނެފައިވަނީ ޕީޕީއެމްއަށް ކުރިމަތިވެފައިވަނީ ހާއްސަ ހާލަތެއް ކަމަށެެވެ. އެހެންކަމުން މިމައްސަލާގައި ކޯޓުން ހައްލެއް ހޯދައިދޭން ޖެހޭ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ޕީޕީއެމްގެ ނައިބް ރައީސްގެ މަގާމާ ގުޅޭގޮތުންވެސް މައްސަލަތަކެއް އުފެދިފައިވާ ވަގުތެއްގައި އެންމެ މަސްލަހަތު ހުރި ގޮތަކަށް ވާނީ ޕީޕީއެމް ހިންގުން އެޕާޓީގެ މުސްތަޝާރާ ހަވާލުކުރުން ކަމަށްވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
ޕީޕީއެމް މައްސަލައިގެ ޝަރުއީ ހުރިހާ މަރުހަލާއެއް ނިމެންދެން ހުރިހާ ބޭފުޅުންވެސް އެމަނިކުފާނާއެކު ތިއްބެވުމަށް ރައީސް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ