ދުނިޔޭގެ އެކި ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދާ ދިވެހިންނާއި މެދު ފިޔަވަޅު އެޅުމުގައި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ ދީނީ ގޮތުން ހަރުކަށި ފިކުރު ގަބޫލުކުރާ ފަރާތްތަކަށް ނަސޭހަތްދީ، ދީނުގައި ކަންކަން ކުރަމުން އޮންނަ ގޮތް އޮޅުން ފިލުވައިދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ހަނގުރާމަތަކުގައި ބައިވެރިވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގައި ފުލުހުންނަށް ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
"މިފަދަ ކަމެއް ކުރުމުގެ ނިޔަތުގައި މީހުން ދަތުރުކުރުން ހުއްޓުވާ ފިޔަވަޅު އެޅުމުގައި ކޯޓުގައި މިފަދަ މައްސަލަތައް ސާބިތުކުރުމަށް ތަފާތު ދަތިތަކާއި ކުރިމަތިލާން ޖެހޭ،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު ވިދާޅުވި ގޮތުގައި ކޯޓަށް މީހަކު ގެންގޮސް، އެމީހަކު ހައްޔަރުކުރަން ނުވަތަ ޕާސްޕޯޓު ހިފެހެއްޓުމުގައި ދަތިތަކެއް ހުރެއެވެ. އެއީ އެކަށީގެންވާ ހެކި ކޯޓަށް ހުށަހަޅަން ޖެހޭތީ ކަމަށާއި ހެކި ހުށަހެޅުމުގައި އޮންނަ މިންގަނޑު މިހާރު އޮތް ގޮތަށް ބާއްވައިގެން ޓެރަރިޒަމް އާއި ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އެކަށީގެންވާ ކާމިޔާބު ނުހޯދޭ ކަން މިއަދު ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އެހެންވެ ހެއްކާއި ބެހޭ ގާނޫނުގެ ދަށުން ހެކި ހުށަހަޅަން ޖެހޭ މިންގަނޑު ގިނަ ގައުމުތަކުގައި ތިރިކޮށްފައިވާ ކަމަށާއި ރާއްޖޭގައި ވެސް އެ މިންގަނޑުތައް ތިރިކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން ހަނގުރާމަތަކަށްދާ މީހުންގެ މައުލޫމާތު ގިނަ ފަހަރު ލިބެމުންދަނީ އިިންޓަލިޖެންސްއަށް ކަމަށްވާތީ މިފަދަ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ފިޔަވަޅު އެޅުމުގެ ހަރުދަނާ ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
ހަނގުރާމަތަކަށް ރާއްޖެއިން ބޭރަށް ގޮސްފައިވާ މީހުންތަކުގެ ތެރެއިން ތިން މީހަކު އަނބުރާ ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި ހަނގުރާމައަށް ގޮސްފައިވާ މީހުންގެ ތެރެއިން ރާއްޖެ ގެނެސްފައިވާ މީހުންނަށް އަނބުރާ ހަނގުރާމަ ކުރަން ނުދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޓެރަރިޒަމް އާ ދެކޮޅަށް 2005 ވަނަ އަހަރުން ފެށިގެން ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެކަންތައް ހުއްޓުވުމަށް ވަރަށް އަވަހަށް ގާނޫނެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަނގުރާމަކުރުމަށްދާ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ގޮން ޖެހުންތަކާއި ކުރިމަތިވޭ - އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ