ބޭރު މީހުން ގެންދަން އިތުރު ދެ ފްލައިޓެއް ބާއްވަނީ

ރާއްޖޭގައި ތިބި ޓޫރިސްޓުންނާއި ބިދޭސީ މުވައްޒަފުން ފުރުވާލަން އިތުރު ދެ ފްލައިޓެއް މި ހަފުތާގައި ބާއްވަން ނިންމައިފި އެވެ.
ކޮވިޑް-19 ފެތުރެން ފެށުމުން ރާއްޖެއަށް ވައިގެ ދަތުރުތައް ހުއްޓާލިއިރު، ޓޫރިސްޓުން ރާއްޖޭގައި ތިއްބެވެ. އެހެންވެ، އެ މީހުންނާއި ރާއްޖޭގައި ތިބި ބިދޭސީ މުވައްޒަފުން އަނބުރާ ގައުމަށް ފޮނުވުމަށްޓަކައި ޚާއްސަ ފްލައިޓްތަކެއް މިމަހުން ފެށިގެން އަންނަނީ ބާއްވަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގައި ތިބި ޓޫރިސްޓުންނާއި ބިދޭސީ މުވައްޒަފުންގެ އިތުރުން އެހެން ފަސިންޖަރުން ގައުމަށް ފޮނުވުމަށްޓަކައި ރަޝިއާގެ އެއާލައިނެއް ކަމަށްވާ ރޮސިޔާ އެއާލައިންސްގެ ފްލައިޓެއް އަންނަ ބުދަ ދުވަހު ރާއްޖެއިން ފުރާނެ ކަމަށާއި އަދި އަންނަ ބުރާސްފަތި ދުވަހު އެއާ ކެއިރޯގެ ފްލައިޓެއް ވެސް ރާއްޖެ އިން ފުރާނެ ކަމަށެވެ.
އެ ދެ ފްލައިޓުން ފުރާ ޓޫރިސްޓުންނާއި ބިދޭސީ މުވަައްޒަފުން އަމަލު ކުރަންޖެހޭ ގޮތްތައް ކުރިން އަންގާފައިވާނެ ކަމަށް އެ އިއުލާނުގައިވެ އެވެ. އެހެންވެ، އެ މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ އިތުރުން ފުލުހުންނާ ގުޅިގެން އެއާޕޯޓަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް އިއުލާނުގައި އެދިފައިވެ އެވެ.
މީގެ ކުރިން ވެސް އެމިގޮތަށް ހަތަރު ފްލައިޓެއް ރާއްޖެއިން ބޭއްވި އެވެ. އަދި މިދިޔަ ހަފުތާގައި އެކަނި ވެސް 701 މީހަކު ރާއްޖެއިން ފުރުމުގެ ހުއްދަ ދީފަައިވާ ކަމަށް އިމިގްރޭޝަނުން ވެސް ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ގިނައީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.
ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު، ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 214 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީންނާއި ދިވެހިން ވެސް ހިމެނެ އެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ