ކޮވިޑް-19 އާއި ގުޅިގެން ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއާއި އަދި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ޤާއިމުކުރާ އައިސޮލޭޝަން ފެސިލިޓީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސް ވަނީ މިއަދު ހެނދުނު އެ ދެ އައިސޮލޭޝަން ފެސިލިޓީއަށް ޒިޔާރަތް ކުރައްވައި އެ ތަންތަނުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލާވާލަވައި ވަނީ މައުލޫމާތު އޮޅުން ފިލުއްވާފައެވެ.
ކޮވިޑް-19 ރާއްޖެއިން ފެނުމާއި އެކީ އެންމެ ފުރަތަމަ ކަރަންޓީން ފެސިލިޓީއަކަށް ބޭނުން ކޮށްފައިވަނީ ފަރުކޮޅު ފުއްޓެވެ. އެހެން ނަމަވެސް މިހާރު މަރާމާތު ކުރުމަށް އެ ރަށް ވަނީ ހުސްކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާއިރު އޭގެ ތެރެއިން 8 މީހަކަށް ފަރުވާދެވި ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި މިހާތަނަށް ކަރަންޓީން ފެސިލިޓީތަކުގައި 700 އަށްވުރެ ގިނަ މީހުން އެބަ ތިއްބެވެ.
މިވަގުތު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބަލި ރާއްޖޭގައި ކޮންޓްރޯލް ކުރުމަށާއި މިބަލިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ މިހާތަނަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ.
އެގޮތުން ވަކި ގޮތެއް އަންގަންދެން ރިސޯޓުތަކުން ރަށްތަކަށް މީހުން ދަތުރު ކުރުމާއި މާލެސިޓީ ގެ ކެފޭ ރެސްޓޯރެންޓު އަދި ހޮޓާ ފަދަ ތަންތަން ބަންދު ކުރުމާއި ސަރުކާރާއި ސްކޫލު ކޮލެޖު އަދި ޔުނިވާސިޓީތައް ބަންދު ކުރުންވެސް ހިމެނެއެވެ. މީގެއިތުރުން ސަރުކާރުން އަންނަނީ މީހުން އެއްވާ އެއްވެސް ހަރަކާތެއް ނުބޭއްވުމަށް އަންގާފައެވެ.
ކޮވިޑް-19: ކަރަންޓީން ފެސިލިޓީތައް ރައީސް ބައްލަވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ