އަދީބު މިހާރު ހުންނާނީ އިންޑިއާ އިމިގްރޭޝަނުގެ ބަންދުގައި، އެގައުމުން އަދީބަށް ހިމާޔަތެއް ނުދޭނެ: އުމަރު ނަސީރު

ޓަގު ބޯޓެއްގައި ގޮސް އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެގައުމުން ހައްޔަރުކޮށްފައިވާ، ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިހާރު ބަންދުކޮށްފައި ހުންނާނީ އިންޑިއާގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށާއި އެ ގައުމުން އޭނާއަށް ހިމާޔަތް ނުދޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު މިހެން މި ވިދާޅުވީ، ގަވާއިދާ ހިލާފަށް ކަނޑުމަގުން އިންޑިއާއަށް އެތެރެވުމާއެކު ހައްޔަރުކޮށްފައިވާ އަދީބާ ގުޅޭގޮތުން އިންޓަނޭޝަނަލް ޖަސްޓިސް ޗޭމްބާސް އިން ނެރެފައިވާ ބަޔާނެއްގައި، ސިޔާސީ ހިމާޔަތް ހޯދުމަށް އަދީބު އެދިފައިވާ ކަމަށް ބުނެފައިވަނިކޮށެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ރަނގަޅު ގުޅުމެއް އޮތް ނަމަވެސް، އަދީބު އެދިވަޑައިގެންފައިވާ ގޮތަށް ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތީން އޭނާއަށް ހިމާޔަތް ދިނުމަށް އިންޑިއާއަށް ގޮވާލާ ކަމަށާއި އަދީބު ރާއްޖެ ދޫކޮށް ގޮސްފައިވަނީ އިންޑިއާގެ ހިމާޔަތަށް ކަމަށް ވެސް އިންޓަނޭޝަނަލް ޖަސްޓިސް ޗޭމްބާސް އިން ބުނެފައިވެ އެވެ.
"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ނަސީރު މިއަދު ވިދާޅުވީ، އެފަދަ ހިމާޔަތަކީ އެމީހަކު އެނބުރި ގައުމަށް އައުމުން ފުރާނައަށް ނުރައްކާވުން ފަދަ ސީރިއަސް ކަމެއް އޮތް ނަމަ ދޭ އެއްޗެއް ކަމަށެވެ. އަދީބުގެ މައްސަލައިގައި އެފަދަ އެއްވެސް ކަމެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އުމަރު ވިދާޅުވި އެވެ.
"އަދީބު ފިލައިގެން ދިޔަ އިރު އޭނާ އުޅުނީ ވަރަށް ފްރީކޮށް. ސީރިއަސް އެއްވެސް ކަމެއް އަޅުގަނޑުމެންނަށް އެނގިފައެއް ނެތް. ބައިނަލް އަގުވާމީ ގޮތުން މިދޭ ހިމާޔަތަކީ އެ މީހަކު އެނބުރު ގައުމަށް އައިސްފި ނަމަ މަރާލުން ފަދަ ކަމެއްގެ ބިރު އޮވެއްޖެ ނަމަ ދޭ އެއްޗެއް. އަދީބުގެ މައްސަލައިގައި އެފަދަ ކަމެއް ނެތް" އުމަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ އަދީބު ފިލައިގެން ދާން މަސައްކަތް ކުރީ އޭނާގެ މައްޗަށް އައިސްފާނެ އިތުރު ހުކުމްތަކެއްގެ ސަބަބުން ކަމަށާއި ޝަރީއަތްތައް ރަނގަޅަށް ގޮސްފި ނަމަ ދިގުމުއްދަތެއްގެ ޖަލު ހުކުމް އަދިވެސް އަދީބުގެ މައްޗަށް އަންނާނެ ކަމަށެވެ. އެ ގޮތުން އެމްއެމްޕީއާރްސީއާ ގުޅޭ އިތުރު އެތައް މައްސަލަތަކެއްގައި އޭނާ މައްޗަށް ދައުވާ އުފުލާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އިންޑިއާއިން އަދީބު ހައްޔަރުކޮށްފައި ވަނީ ރާއްޖެއިން އިންޑިއާއަށް ދިޔަ ޓަގު ބޯޓެއްގައި އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެ ގައުމުގެ ޓުޓިކޮރިން ކަނޑުގެ ބަނދަރުންނެވެ.
އަދީބު އިންޑިއާއިން ހައްޔަރުކުރި އިރު އޭނާގެ ޕާސްޕޯޓު ވެސް ވަނީ ސުޕްރީމް ކޯޓުން ހިފަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ