ސިއްހީ ދާއިރާގެ އެންމެ ބޮޑު ގޮންޖެހުމަކީ ޔާމީން ސަރުކާރުންވީ އިހުމާލު: އަމީން

ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވަނީ ކުރީގެ ސަރުކާރުން އެ ދާއިރާއަށް އިހުމާލެވެފައިވާތީ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިއަދު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްފައި ވަނީ ރ. އަތޮޅު މަޑުއްވަރީ އަދި މީދޫގެ ސިއްހީ މަރުކަޒުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ މެދު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ދެ ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. މަޖިލީހުގައި މެމްބަރުން ކުރިމަތި ކުރުވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު، ރާއްޖޭގެ ސިއްހީ ދާއިރާ އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމަށެވެ. "ބައެއް ރަށްރަށުގައި ސިއްހީ ހިދުމަތް ދޭ ތަންތަން ވަރަށް ދަތިކޮށް ހުރީ. އިމާރަތުގެ ގޮތުން ވިޔަސް، ވަސީލަތުގެ ގޮތުން ވިޔަސް އަދި މުވައްޒަފުންގެ ގޮތުންނާ، ހިދުމަތުގެ ގޮތުންނާ އަދި ތަސައްވުރުގެ ގޮތުންވެސް ވަރަށް ބަލިކަށިކޮށް ހުރި ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އަމީން ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ސިއްހީ ހިދުމަތްދޭ 187 ތަނެއް ހުރި ނަމަވެސް، އޭގެ ތެރެއިން 60-70 ޕަސެންޓު ތަންތަނުން އެންމެ އެކަށީގެންވާ ހިދުމަތްތަކެއް ފޯރުކޮށްދެމުން ނުދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަމީން ވިދާޅުވީ މިހާރު ސަރުކާރުން ކުރަމުން އަންނަނީ އެކަންކަން ތަރުތީބު ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ބަޖެޓު ތަންދޭ ވަރަކުން، ބަޖެޓުގައި ކަންކަން ހިމަނާފައި ހުރި ތަރުތީބުން ކަންކަން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. https://twitter.com/mvpeoplesmajlis/status/1158238218908831747 "ރާއްޖޭގެ ސިއްހީ ދާއިރާއަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވޭތުވެދިޔަ ފަސް އަހަރު ދުވަހު ސިއްހީ ދާއިރާއަށް އަޅާނުލާ ދޫކޮށްލި ދޫކޮށްލުން،" މިނިސްޓަރު ވިދާޅުވިއެވެ. އަމީން ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓާ ދިމާކޮށް ރާއްޖޭގައި ސިއްހީ ހިދުމަތް ދޭ 28 ތަނެއް، 24 ގަޑިއިރު ހިދުމަތް ދޭ ތަންތަނަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެތަންތަނުން 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭން ބޭނުންވާ މުވައްޒަފުންނާއި، ފައިސާ އަދި ވަސީލަތްތައްވެސް ފޯރުކޮށްދީފައި ނުވާކަމަށެވެ. "24 ގަޑިއިރު ހިދުމަތްދޭ ތަންތަނަށް ބަދަލުކޮށްފައި ހުރި އިރު ހަމައެކަނި ނަން ބޯޑު ބަދަލުކޮށްފައި ހުރީ. އަށް ގަޑިއިރުގެ ތަން 24 ގަޑިއިރަށް ބަދަލު ކުރީމާ ހަތަރު ނަރުހުންނާއެކު ކިހިނެތްތޯ ހިދުމަތް ދޭނީ. ކޮން ތަނަކުންތޯ އަޅުގަނޑުމެން ފައިސާ ހޯދާނީ،" މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން މިއަދު ސިއްހީ ދާއިރާގައި ބޮޑެތި ގޮންޖެހުންތަކެއް ދިމާވެގެން އުޅެނީ ސިއްހީ ދާއިރާއަށް އިހުމާލުވެފައި އޮތުމުން ކަމަށާއި އެ މައްސަލަތައް ހައްލު ވާނީ ދުރު ވިސްނުމެއް އޮވެގެން ތަސައްވުރެއް އޮވެގެން ކަމަށެވެ. "ހަމައެކަނި ފައިސާ އޮއްސާލައިގެން ކަންކަން ހައްލެއް ނުވާނެ" އަމީން ވިދާޅުވިއެވެ. މިނިސްޓަރުގެ ވާހަކަ އާ ގުޅިގެން މިއަދު މަޖިލީހުގެ ތަޅުމުގައި ބައެއް މެމްބަރުން ވަނީ އަޑުގަދަކޮށް، ނުރުހުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ