ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަލްއުސްތާޛް އަބްދުﷲ ދީދީ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު، އޭނާ މަގާމުން ވަކިކުރަން ވޯޓު ނުދެއްވި ހަމައެކަނި މެންބަރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެކަންޏެވެ.
ދީދީ ފަނޑިޔާރު ކަމުން ވަކި ކުރަން ފާސްކޮށްފައި ވަނީ، 72 މެންބަރުންގެ ވޯޓުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ގާސިމް ވަކިކޮޅަކަށް ދީފައެއް ނުވެއެވެ.
އޭނާ ވަކިކޮޅަކަށް ވޯޓު ދީފައި ނުވަނީ ކީއްވެގެން ކަމެއް ނޭގެއެވެ. ދީދީ ވަކިކުރަން ނިންމި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް އޭނާ ބަހުސް ވެސް ނުކުރައްވަ އެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޕޯޓަށް ބަހުސް ކުރެއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެކަންޏެވެ. އަލީ ހުސެއިން ވާހަކަ ދެއްކެވީ ފަނޑިޔާރުކަމުން ޑީޑީ ވަކިކުރުމަށް ތާއީދު ކުރައްވައެވެ.
ދީދީ ވަކި ކުރުމަށް ޖުމްހޫރީ ޕާޓީގެ އެހެން މެންބަރުން ވޯޓު ދެއްވިއެވެ.
ދީދީ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީ އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ އިއްޔެ ހެނދުނު އެވެ. ރޭ މަޖިލީހުގެ ޖަލްސާގައި އެމައްސަލަ ޖުޑީޝަލް ކޮމެޓީއަށް ފޮނުވިއެވެ. ޖުޑީޝަލް ކޮމެޓީން ވަނީ ވަގުތުން ބައްދަލުވުމެއް ބާއްވާ، ފަނޑިޔާރު ޑީޑީ މަގާމުން ދުރުކުރަން ފެންނަ ކަމަށް ނިންމާފައެވެ.
ދީދީ ވަނީ އޭނާގެ މައްޗަށް ޖޭއެސްސީ އިން ހިންގި ތަޙްޤީޤަކީ ބާތިލް އިޖުރާއަތެއްގެ މައްޗަށް ހިންގި ބާތިލް ތަޙްޤީޤެއް ކަމަށް ވިދާޅުވެފައެވެ.
ޖޭއެސްސީ އިން ވަނީ މިދިޔަ ޖޫން މަހުގެ 12 ވަނަ ދުވަހު ފަނޑިޔާރު ދީދީ ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް ޖޭއެސްސީގެ ނިންމުމަށް އަމަލު ކުރުން ފަސް ކުރަން ޖެހިގެން އައި ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރުނެވެ. އެއަމުރު ނެރުނީ އޭނާ އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ. ސުޕްރީމް ކޯޓުން އެގޮތައް އަމުރު ކުރިނަމަވެސް ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރާނެ ކަމަށް ޖޭއެސްސީ އިން އޮތީ އިއުލާން ކޮށްފައެވެ.
ފަނޑިޔާރު ދީދީގެ މައްޗަށް ތުހުމަތުކުރޭ މައްސަލަތައް ބަލަމުންދަނިކޮށް އޭނާ ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެރޭ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ.
ދީދީ ފަނޑިޔާރުކަމުން ވަކިކުރަން ވަކިކޮޅަކަށް ވޯޓު ނުދެއްވީ ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ