އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓަށް އައްޔަންކޮށްދިނުމަށް އެދި މަޖިލީހަށް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވި ދެ ބޭފުޅުންގެ ނަމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުއްވާފައިވާ ބޭފުޅުންގެ ނަންތައް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ސޯލިހު ކަނޑައެޅުއްވި މާފަންނު ސީނާ ޑރ. އަޒްމިރާލްދާ ޒާހިރާއި މ. ކޮކާހަނދުވަރުގެ އަލްއުސްތާޛާ އާއިޝާ ޝުޖޫން މުހައްމަދުގެ ނަމާއި ޖޭއެސްސީން ފޮނުވާފައިވާ ތިން ބޭފުޅުންގެ ނަން ވެސް ރައީސް މިއަދު ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ދެ ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ އެބޭފުޅުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅޭގޮތުން ޖޭއެސްސީގެ މަޝްވަރާއާއެކު ގާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
މި ދެބޭފުޅުންގެ ނަންފުޅުގެ އިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، ޖޭއެސްސީން ފޮނުވާފައިވާ ބޭފުޅުންގެ ނަންފުޅުތައް ވެސް މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، ރައީސް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ. މިގޮތުން ޖޭއެސްސީން ފޮނުއްވާފައިވާ ތިން ނަމަކީ ދަފްތަރު ނަންބަރު 6993 ޝުއައިބް ހުސައިން ޒަކަރިއްޔާ، ހދ.ވައިކަރަދޫ ގްރީންވިލާ، މުހައްމަދު ނިޔާޒުގެ އިތުރުން މއ.ވޭސައިޑް 610 އަލީ ސަމީރުގެ ނަމެވެ.
ސްޕްރީމު ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އިން 7 އަށް ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނެވި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވަނީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ