ނަޝީދު އިސްތިއުފާ ދެއްވިފަހުން މަސްވެރިންނަށް ހަމައަގެއް ނުލިބޭ – މެންބަރު ހުސައިން

ނަޝީދު އިސްތިއުފާ ދެއްވި ހިސާބުން މަސްވެރިންނަށް ހަމައަގު ނުލިބޭ ކަމަށާއި މަސްވެރިން ގަބޫލު ކުރާ ގޮތުގައި ނަޝީދު އިސްތިއުފާ ދެއްވި ހިސާބުން މަސްވެރިންގެ ޙައްޤުތައް ގެއްލެމުންދާ ކަމަށް ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ކުރިން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހުސައިން މިފަހަރު މަޖިލީހަށް ހޮވި ވަޑައިގެންނެވީ މިނިވަން މެންބަރެއްގެ ގޮތުގައެވެ.
މަސްވެރިކަމާއި ބެހޭ ބިލަށް މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހުސައިން ވިދާޅުވީ ޤާނޫނެއް ހެދި ނަމަވެސް މައްސަލައަކީ ޤާނޫނުތަކާއި ޤަވައިދުތަކަށް އަމަލު ނުކުރެވުމުން ކަމަށެވެ.
ވޭތުވެދިޔަ ތަނުގައި ސަރުކާރުތަކުން ވަނީ މަސްވެރިންނަށް އިހުމާލުވެފައި ކަމަށް ހުސައިން ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރަން ޖެހިފައިވާ ކަމަށާއި ޒިންމާ އުފުލަން ޖެހޭ ފަރާތްތަ. މަސްވެރިންގެ ހާލު ބަޔާން ކުރަން ވެސް ދަތި. މަސްވެރިން ފިހާރަތަކުން ނަގަމުންދާ މުދަލަށް ފައިސާ ދެއްކޭނެ ގޮތެއް ނެތް. އެއީ މަސްވެރިންގެ މިއަދުގެ ހާލަތު ހުރި ގޮތުން ކުރިމަތިވެފައިވާ ކަންކަން. ސިޔާސީ ވާހަކަ ނުދައްކާ ހަޤީޤީ ވާހަކަދައްކަން އެބަޖެހޭ." ހުސައިން ވިދާޅުވިއެވެ.
މަސްވެރިން ބާނާ މަހަށް ހައެއްކަ މަސްވެގެން ދާއިރު ވެސް ފައިސާ ނުލިބުމަކީ ބޮޑު މައްސަލައެއް ކަމަށާއި އެކަމުގެ ސަބަބުން މަސްވެރި އާއިލާތަކުގެ އިތުރުން ސަރުކާރަށް ވެސް ގެއްލުންތައް ލިބެމުންދާ ކަމަށް ހުސައިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މައުމޫންގެ ވެރިކަން ނިމުނު ފަހުން މަސްބޯޓުތައް މަރާމާތު ނުކުރެވި ފޫވެއްޓިފައިވާ ކަމަށެވެ.
"މަސްވެރިންގެ ހައްޤުގައި މަޖިލީހުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ތަންފީޒީ އިދާރާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާނަމަ ނަތީޖާއެއް ފެނިގެން ނުދާނެ." ހުސައިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ