ޕްރައިވެޓައިޒޭޝަން ބޯޑް ހިނގަނީ ރުހުންނެތި ގާނޫނާއި ހިލާފަށް: މެމްބަރު އިބްރާހިމް ރަޝީދު

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް ހިންގަމުން ގެންދަނީ ގާނޫނުގައި ބުނާގޮތައް އެބޯޑްގެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުހޯދާ ގާނޫނާ ހިލާފަށްކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމެޓީގެ ބައްދަލުވުމުގައެވެ. މެމްބަރު އިބްރާހިމް ރަޝީދަކީ އެކޮމެޓީގެ މެމްބަރެކެވެ.
އިއްޔެގެ ކޮމެޓީ ބައްދަލުވުމުގައި އިބްރާހިމް ރަޝީދު ވިދާޅުވީ ވަކި ގާނޫނެއްގެ ދަށުން 2013 ވަނަ އަހަރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް އިފެދުނު ފަހުން ދެ ފަހަރަކަށް އެބޯޑަށް މެމްބަރުން އައްޔަން ކުރެއްވި ނަމަވެސް މިހާތަނަށް ބޯޑު މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދާފައި ނުވާކަމުގައެވެ.
ގާނޫނުގައި ބުނާގޮތުން އެބޯޑްގެ މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތަކީ ހަތަރު އަހަރެވެ. އަދި ބޯޑްގެ މެމްބަރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެވެ.
މެމްބަރު އިބްރާހިމް ރަޝީދު ސީއެންއެމްއަށް ވިދާޅުވީ މިމައްސަލަ ހަމަ މިގޮތަށް 17 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ފެންމަތި ކުރިވި ކަމުގައެވެ. ނަމަވެސް އޭރުވެސް ޕްރައިވެޓައިޒޭޝަން ބޯޑް ހިންގަމުން ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތިކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
"ދެން އިއްޔެ އަނެއްކާ މި މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމެޓީގެ ބައްދަލުވުމުގައި އަޅުގަނޑު މި ވާހަކަ މިދެއްކީ، އެދިވެސް އެތީ އެބޯޑަށް ރުހުން ނުހޯދާ، އަޅުގަނޑު ސާފުކުރިން އެބޯޑްގެ ރައީސް މުހައްމަދު ނިޒާރުގެ އަރިހުން ކޮމެޓީގއި. އެބޭފުޅާވެސް ވިދާޅުވީ ރުހުން ނިހޯދައޭ އޮތީ" އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
އިބްރާހިމް ރަޝީދު ވިދާޅުވީ ޕްރައިވެޓައިޒޭޝަން ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވަނިކޮށް، ރުހުން ނުހޯދާ ބޯޑުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ ގާނޫނާއި ހިލާފަށް ކުރަމުން ގެންދާ ކަމެއް ކަމުގައެވެ. އަދި މިހާރު އެބޯޑް އޮތްގޮތުން އެބޯޑުން ނިންމާ ނިންމުންތައް ސައްހަވެސް ނުވާނެކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
"ޕްރައިވެޓައިޒޭޝަން ބޯޑުން މިހާރު ހިންމާ އެއްވެސް ނިންމުމެއް ސައްހަވާނެކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އަޅުގަނޑު ކޮމެޓީގައިވެސް މިގޮތަށް ވާހަކަ ދައްކާފަވީ" މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
އިބްރާހިމް ރަޝީދު ވިދާޅުވީ ޕްރައިވެޓައިޒޭޝަން ބޯޑަށް މަޖިލީހުގެ ރުހުން ނުހޯދުމުގެ އިތުރުން އެބޯޑަށް ޤާނޫނު މަތިކުރާ އެތައް މަސައްކަތެއްވެސް މިހާތަނަށް ކޮށްފައި ނުވާކަމުގައެވެ. އެގޮތުން ކޯޕަރޭޑް ގަވަނަންސް ކޯޑެއް އެކުލަވާލުމަކީ އެބޯޑްގެ މަސްއޫލިއްޔަތެއްކަމަށާއި ނަމަވެސް މިހާތަނަށްވެސް އެމަސައްކަތް އެބޯޑުން ނިންމާފައި ނުވާކަމަށް މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ