މައުމޫން އަދިވެސް ހުންނެވީ ޕީޕީއެމް އަނބުރާ ހޯއްދަވަން ތައްޔާރަށް

ޕީޕީއެމް އޭގެ ހައްގުވެރިންނަށް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދު އަދި ނުފުއްދަވާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް އެވައުދު ފުއްދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލިސް އިންތިޚާބުގައި މައުމޫންގެ ތާއީދާއި އެކު ވާދަކުރެއްވި ބޭފުޅުންނާއި، އެބޭފުޅުންގެ ކެމްޕޭން ޓީމްތަކާއި އެކު ރޭ ބޭއްވެވި ބައްދަލުވުމެއްގައި މައުމޫން ވިދާޅުވީ ޕީޕީއެމްގެ މައްޗަށް ބަޔަކު މިހާރު ވެރިވެގަނެގެން ތިބީ ޝަރީޢަތައް ނުފޫޒު ފޯރުވައިގެން ޙުކުމް ކޮށްގެން ކަމަށެވެ.
"ވޭތުވެދިޔަ އިންތިހާބުގަ އަޅުގަނޑުމެން އެންމެންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އަޅުގަނޑުމެންނަށް ވެސް ވައުދުތަކެއްވެވަޑައިގެންނެވި ޕީޕީއެމް އޭގެ ހައްގުވެރި ފަރާތްތަކަށް ރައްދުކޮށް ދެއްވާނެ ކަމުގެ، އާދެ އެ ވައުދު އަދި ވަނީ ނުފުދި، އަޅުގަނޑު އެދެނީ އެ ވައުދު ވެސް ލަސްތަކެއް ނުވެ ފުދިގެން ދިޔުމަށް،" މައުމޫން ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ ފަހުން ޕީޕީއެމްގެ މައްސަލަ މައުމޫނާއި އެއްކޮޅަށް ނިމިދާނެ ކަމަށް ބެލެވުނު ނަމަވެސް މައްސަލަ ސުޕްރީމް ކޯޓުން ނިންމީ ޔާމީނާއި އެއްކޮޅަށެވެ. އެހެންކަމުން ޕީޕީއެމް މައުމޫނަށް ލިބުމުގެ ފުރުސަތު ބަންދު ވެއްޖެ ކަމަށް ގަބޫލުކޮށް މައުމޫން ވަނީ އެމްއާރްއެމްގެ ނަމުގައި އާޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ.
އެމްއާރްއެމްއަށް މެންބަރުންނަށް ހަމަކުރަން ފެށިތާ މިހާރު ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. ނަމަވެސް އަދި 3،000 މެންބަރުން ހަމައެއް ނުވެ އެވެ. އެހެންވެ ޕާޓީ އުފެއްދޭ ގޮތެއް އަދި ނުވެ އެވެ.
މައުމޫނަށް ޝަރީޢަތް މެދުވެރިކޮށް ދެން ޕީޕީއެމް ލިބެން އޮތް ހަމައެކަނި ގޮތަކީ ސުޕްރީމް ކޯޓުން ޕީޕީއެމްގެ މައްސަލައިގައި ކޮށްފައި އޮތް ޙުކުމް ރިވިއުކޮށް، މައުމޫން ކޮޅަށް އަލުން މައްސަލަ ނިންމުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ