މި ސަރުކާރު ދެމި އޮތްހާ ހިނދަކު އައްޑޫ ރައްޔިތުން ތިބޭނީ ތަނަވަސްކަމާއެކު: ނަޝީދު

މި ސަރުކާރު ދެމި އޮތްހާ ހިނދަކު އައްޑޫ ރައްޔިތުން އުޅެމުންދާނީ ތަނަވަސްކަމާއެކުގައި ކަމަށް  ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހިތަދޫ މެދު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަހުމަދު ރަޝީދު (ޗެކްމާކް)ގެ ކެމްޕެއިން ފައްޓަވައިދެއްވުމަށް މިއަދު ބޭއްވި ހަފްލާގައި ނަޝީދު ވަނީ އައްޑޫ އާއި އެ ސިޓީގެ ރައްޔިތުންނަށް ވަރަށް ބޮޑު ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވައިފައެވެ.
އެގޮތުން އެމްޑީޕީގެ ސިޔާސަތުތައް އެކުލެވިގެން ވަނީ، ތޮބީއީ ގޮތުން އައްޑޫ ސިޓީ ތަރައްގީ ކުރުމަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކާ އެކީގައިކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން މި ސިޓީ ތަރައްގީ ކުރުމުގެ މަސައްކަތް ހިންގާނެ ކަމަށެވެ. އަދި އެއީ ޝައްކު އުފުދޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
“އައްޑޫ ސިޓީ ތަރައްގީ ކުރުމުގައި އެމްޑީޕީ މަސައްކަތްކުރާނެ. މި ޕާޓީ އުފެދިފައިވަނީ އެތައް ގޮތަކަށް ދެކޭއިރުގައި ސީދާ އެ މަސައްކަތަށް. މިޕާޓީގެ އެންމެ ގިނަ މެންބަރުންނަކީ އައްޑު ސިޓީގެ މެންބަރުން. މިޕާޓީގެ އެންމެ ގިނަ ހަރަކާތް ހިނގަނީ ވެސް މި އައްޑޫގައި. އެމްޑީޕީގެ އުފެދިގެން އައިއިރުގައި އެންމެބޮޑު ބާރުވެރިކަމެއް އެހީތެރިކަމެއް ތާއީދެއް ދިން ބޭފުޅުންނަކީ ވެސް ތިބޭފުޅުން،“ ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، އަމާޒަކީ މާގިނަ މީހުން ތަނަވަސްކަމާއެކީގައި ގަދަރުވެރި ދިރިއުޅުމެއް އުޅޭތަން ދެކުން ކަމަށާއި ”އެ މަންޒަރު މި ސަރުކާރު ދެމި އޮތްހާ ހިނދަކު ފެންނަމުން އެނގެމުން އޮޅުންފިލަމުންދާނެ“ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ