އަތުބަރާގެ ރައްޔިތުން ޚަރްތޫމް މުޒާހަރާއަށް!

ސޫލާދާނުގެ ވެރިކަމާ ދެކޮޅަށް ޑިސެމްބަރު 19، 2018 ގައި މުޒާހަރާތައް ފުރަތަމަ ފެށި އަތުބަރާގެ ރައްޔިތުން ވެރިރަށް ޚަރްތޫމްގައި ކުރަމުންދާ ބޮޑު މުޒާހަރާތަކުގައި ބައިވެރި ވެއްޖެ އެވެ.
އަތުބަރާގައި ފެށުނު މުޒާހަރާތައް ފަހުން ޕޯޓް ސުދާން، ޑޮންގޯލާ އަދި ވެރިރަށް ޚަރްތޫމަށް ފުޅާވެގެން ގޮސް 30 އަހަރު ވެރިކަން ކުރެއްވި އެ ގައުމުގެ ރައީސް އުމަރު އަލްބަޝީރު ވަނީ ވެރިކަމުން ދުރުކޮށްފަ އެވެ.
ނަމަވެސް މިހާރު ބާރުތައް ނަގާފައިވާ ސިފައިންނަށް އެ ގައުމުގައި މަދަނީ ސަރުކާރެއް ގާއިމް ކުރަން ތަންދިނުމަށް ގޮވާލަމުން ސުދާންގެ ރައްޔިތުން ދަނީ ހުއްޓާ ނުލައި އަދިވެސް މުޒާހަރާތައް ކުރަމުން ނެވެ.
ސޯޝަލް މީޑިއާތަކުން ހާމަވެފައިވާ ގޮތުގައި އަތުބަރާގެ ރައްޔިތުން އިއްޔެ ރޭލް މަގުން ދަތުރުކޮށް ވެރިރަށް ޚަރްތޫމްގެ ސިފައިންގެ މައި މަރުކަޒު ކުރިމަތީ ކުރަމުންދާ މުޒާހަރާގެ ތެރެއަށް ވަނީ ވަދެފައެވެ.
ސުދާންގެ ޓްރާންސިޝަނަލް މިލިޓަރީ ކައުންސިލް (ޓީއެމްސީ) އާއި މުޒާހަރާގައި އިސްކޮށް ތިއްބެވި ސޫދާނީޒް ޕްރޮފެޝަނަލް އެސޯސިއޭޝަން (އެސްޕީއޭ) އާއި ދެމެދު މިހާތަނަށް އެއްބަސްވުމަކާއި ހަމައަށް ދެވިފައި ނުވުމުގެ ސަބަބުން އެ ގައުމުގެ ސިޔާސީ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފަ އެވެ.
މިދިޔަ ހަފުތާއިން ފެށިގެން ދެ ފަރާތުގެ ދެމެދުގެ ކުރަމުން ދިޔަ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައިވަނީ މިލިޓަރީ ކައުންސިލުން ރައްޔިތުންގެ އަތްމައްޗަށް ބާރު ދޫކޮށްލަން ބޭނުން ނުވާކަމަށާއި އަލްބަޝީރުގެ އަރިސް މީހުންނަށް ވަލުދޮރާށިން ބާރުދޭން މަސައްކަތް ކުރާކަމަށް ތުހުމަތުތައް ކުރަމުން ނެވެ.
މިކަމާއި ގުޅިގެން މިލިޓަރީ ކައުންސިލުން މަދަނީ ސަރުކާރެއް ގާއިމްކުރަން ތަންދިނުމަށް ބައިނަލްއަގްވާމީ ދުނިޔއެިން ދަނީ ގޮވާލަމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ