ސަމާލުވޭ، މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް!

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް މޫސުން ގޯސްވާނެ ކަމަށާއި، ބޯކޮށް ވާރޭވެހި، ވައިގަދަވުމާއެކު ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީސް އިން ވަނީ ބ. އަތޮޅުން ވ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރިފަ އެވެ. އެ ސަރަހައްދުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. ވިލާގަނޑުގައި ގަޑިއަކު 55 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެ އެލާޓް ނެރިފައި ވަނީ މިއަދު ހެނދުނު 08:45 އިން މެންދުރު 12:00 އަށެވެ.
އޭގެ އިތުރުން ރޭ ދަންވަރު ހއ. އަތޮޅުން ތ. އަތޮޅަށް ނެރުނު ވައިޓް އެލާޓްގެ ވަގުތު ވެސް އިތުރުކޮށްފަ އެވެ. އެގޮތުން މިއަދު މެންދުރު 01:40 އާ ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވެ އެވެ.
ހއ. އިން ތ. އަތޮޅަށް ވެސް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކުން 50 މޭލު ބާރު މިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ބުނީ ރާއްޖެ އަށް މޫސުން ގޯސްވެފައި ވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުން ސަބަބުން ކަމަށެވެ. ފުލުހުންނާއި ސިފައިން އަދި ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަނީ މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ