ދަނގެތީ ދާއިރާއަށް ވާދަ ކުރަން މައުމޫން ފޯމް ހުށަހަޅައިފި

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދަނގެތީ ދާއިރާއަށް ވާދަ ކުރެއްވުމަށް އާސަންދަގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މައުމޫން އަބްދުއްސަމަދު އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފި އެވެ.
އޭނާ އެ ދާއިރާއަށް ކުރިމަތިލައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާއެކު، ޕީޕީއެމްގެ ޓިކެޓްގަ އެވެ.
އެ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ވާދަ ކުރައްވަ އެވެ. މިހާރު އެ ދާއިރާގެ މެންބަރަކީ އިލްހާމް އަހުމަދެވެ. އޭނާ އިންތިހާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ.
އިލެކްޝަން ކޮމިޝަނުން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު މިހާތަނަށް 183 ކެންޑިޑޭޓަކު ވަނީ އިންތިހާބަށް ކުރިމަތިލައްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ 14 ކެންޑިޑޭޓެކެވެ. ޕީއެންސީގެ ހަތަރު ކެންޑިޑޭޓެއް ވެސް މިހާތަނަށް ކުރިމަތިލައްވާފައިވެ އެވެ.
އެމްޑީޕީގެ 86 ކެންޑިޑޭޓެއް ކުރިމަތިލާފައިވާއިރު ޖުމްހޫރީ ޕާޓީގެ ހަ ކެންޑިޑޭޓެއް އަދި އަދާލަތު ޕާޓީގެ ހަތް ކެންޑިޑޭޓަކު ކުރިމަތިލާފައިވެ އެވެ. އެމްޑީއޭގެ ވެސް ހަތް ކެންޑިޑޭޓަކު ކުރިމަތިލާފައިވާއިރު އަމިއްލަ ގޮތުން ވާދަ ކުރުމަށް 59 ކެންޑިޑޭޓެއް ވަނީ މިހާތަނަށް ކުރިމަތިލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ