ޖުލައި މަހު ކޮމަންވެލްތާ އަލުން ގުޅުމުގެ ފުރުސަތު ބިނާވަނީ މަޖިލިހުގެ މަސައްކަތުގެ މައްޗަށް: ޝަހީދު

އަންނަ ޖުލައި މަހު ރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި، ނަމަވެސް އެކަން ބިނާވަނީ މާދަމާ ހުވާ ކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މަސައްކަތް ކުރިއަށްދާ ގޮތެއްގެ މައްޗަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ކޮމަންވެލްތުގެ މެމްބަރެއްގެ ގޮތުގައި އޮތުމަށް ފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޑިމޮކްރަސީއާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގަމުންދާތީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކޮމަންވެލްތުން ދިނުމުން، އޭރުގެ ސަރުކާރިން އެ ޖަމިއްޔާ އިން ވަކިވީ 2016 ވަނަ އަހަރުގަ އެވެ.
ބޭރު ގައުމުތަކާ ޖަމިއްޔާތަކާ އޮތް ގުޅުން އަލުން ބަދަހިކޮށް، ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ ނަން ރީތި ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ރައީސް ސޯލިހު ވަނީ ވެރިކަމާ ހަވާލުވުމާއެކު އަލުން ކޮމަންވެލްތާ ގުޅުމަށް ހުށަހަޅުއްވާފަ އެވެ.
މާދަމާ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެ މަޖިލިހުގެ ދައުރު ބޮޑެވެ. ސަރުކާރަށް މަޖިލިހުގެ ސުޕަ މެޖޯރިޓީ ލިބިފައިވާއިރު، ސަރުކާރުން ބޭނުންވަނީ އަދުލުއިންސާފު ގާއިމްކުރުމުގެ މަސައްކަތް މަޖިލިސް ތެރެއިން ކުރުމަށެވެ.
އެކަމާ ގުޅިގެން ޝަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ ޖުލައި މަހުގެ ތެރޭގައި ކޮމަންވެލްތާ އަލުން ގުޅުމުގެ ފުރުސަތު ރާއްޖެއަށް އެބަ އޮތް ކަމަށެވެ. އެކަމަކު އެ ފުރުސަތު ބިނާވަނީ މާދަމާ ހުވާ ކުރާ މަޖިލިހުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައްޗަށް ކަމަށެވެ.
ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ މަންދޫބުކަން މިހާރު ކުރައްވަމުން އަންނަ ޝަހީދު ވިދާޅުވީ ބައެއް ގާނޫނުތައް ފާސްކޮށް ކޯޓުތައް ވެސް ހަމައަކަށް އަޅުވަން ޖެހޭ ކަމަށެވެ. Mi July mahu Raajje ah Commonwealth ah vadhevumuge furusath eba oiy. Namaves ekan hamajeheyny au Majlis ge masakkaiythah dhaa gothakun. Baeh qaanun faaskoh adhi Court thah hamayakah alhuvaigen. CW aky zuvaanunah furusathu thakeh dheyne jamiyaaeh. @ibusolih— Ahmed Shaheed (@ahmedshaheed) May 26, 2019ރާއްޖެއިން އެންމެ ފުރަތަމަ ކޮމަންވެލްތުގައި ބައިވެރިވެފައި ވަނީ 1982 ވަނަ އަހަރުގެ ޖުލައި ނުވައެއްގައެވެ. އަދި ވަކިވީ 13 އޮކްޓޫބަރު 2016 ގައެވެ. އަލުން ކޮމަންވެލްތާ ގުޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް ކަމުން މިދިޔަ ޑިސެމްބަރު މަހު އެކަން މަޖިލީހަށް ހުށަހަޅާ، ކޮމަންވެލްތާ ގުޅުމަށް ވަނީ ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ