މެމްބަރު އައިބީ "މައިތިރި ވެއްޖެ"

ހުރިހާ ގޮތަކުންވެސް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް އެއްބާރުލުން ދެއްވާނެ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައިވާ، ޖަމިއްޔާތަކުގެ ބިލަށް ބަހުސް ކުރައްވަމުން އައިބީ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ މިހާރުގެ ރައީސް ގާސިމް އިބްރާހީމް ކުރިއައް ގެންދަވާ ގޮތާމެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ.
ނަމަވެސް މަޖިލީހަށް ހުށަހެޅޭ ބިލްތައް ބަލާލުމަށް އެކަށީގެންވާ ފުރުސަތު ނުލިބި، އެ ބިލްތައް މަޖިލީހުން އަވަސް އަރުވާލައިގެން ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އައިބީ ވިދާޅުވި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓާ ވާދަކުރައްވާ އައިބީ އެގޮތަށް ވިދާޅުވިއިރު، އޭނާއަކީ ނިމިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހުން "ކުރުގަޅުވާލަފައި" ފާސްކުރި ހުރިހާ ބިލަކަށް ވޯޓު ދެއްވައި، އެބިލްތައް ފާސްކުރުމަށް އެންމެބޮޑަށް މަސައްކަތް ކުރެއްވި އެއް މެމްބަރު އެވެ. އަދި މަޖިލީހުގައި އެންމެ އަޑުގަދަކޮށް، ރައީސް ޔާމީންގެ ސަރުކާރު ދިފާއުގައި ވަކާލާތުކުރެއްވި އެންމެ އިސްކޮށް އުޅުއްވި މެމްބަރުންގެ ތެރޭގައި ވެސް އައިބީ ހިމެނެއެވެ.
އެގޮތުން، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީއެޑް) ގާނޫނު މަޖިލީހުން ފާސްކޮށްފައިވަނީ އެބިލް މަޖިލީހަށް ހުށަހަޅައި 24 ގަޑިއިރުގެ ތެރޭގަ އެވެ. އަދި އެބިލް ފާސްކުރުމަށްފަހު، ސަރުކާރުން އުފާފާޅުކުރަން ހަވާއެރުމާއި އުފާފާޅުކުރުމަށް ބޭއްވި އިވެންޓްގައި އައިބީ ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ސަރުކާރު ދަނީ "ރޮކެޓް ސްޕީޑް"ގައި ކުރިއަށް ކަމަށެވެ. ރައްޔިތުން ދަތުރު ކުރާނީ ޖެޓް އިންޖީނު އަޅާފައި ހުންނަ ވަސީލަތްތަކުގައި ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އެއް އެއްބާރުލުން ދެއްވާނެ ކަމަށް އައިބީ ވިދާޅުވިއިރު، އޭނާ ވަނީ އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ނިންމާފަ އެވެ.
އައިބީ މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މިހާރުވެސް އިންތިހާބުވެ ހުންނެވި ދާއިރާ ކަމަށްވާ ފޭދޫ ދާއިރާ އަށެވެ.
ޕީޕީއެމް މެމްބަރެއް ނަމަވެސް އަމިއްލަ ގޮތުން ވާދަކުރައްވާ ސަބަބެއް އައިބީ ހާމަ ކުރައްވާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ