ކަރަންޓް ޔުނިޓެއްގެ އަގު 2.50 ރުފިޔާ އަށް ތިރިކޮށްދޭނަން: ނަޝީދު

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގައި އެމްޑީޕީން ރައްޔިތުންނަށް ކޮށްދޭނެ އެންމެ މުހިންމު އެއް ކަމަކީ ކަރަންޓު ޔުނިޓެއްގެ އަގު 2.50 ރުފިޔާއަށް ތިރިކޮށްދިނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އާދިލް ސަލީމްގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ކ. މާފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ނަޝީދު ވިދާޅުވީ، އުޅެންޖެހޭ ތަންތަންކޮޅު ކުޑަވެ، ލޮލުފިޔަވެސް ޖަހާލަން ވެގެން ގެއެއްގައި އެއާ ކޮންޑިޝަނެއް ބެހެއްޓުމުން ތިމާއަކީ ތަނަވަސް މީހެކޭ ނުބުނެވޭނެ ކަމަށެވެ.
ނަމަވެސް އެ މީހާގެ ކަރަންޓް ބިލުން 1500 ކަނޑާލުމުން އެއީ އިންސާފު ކަމަކަށް ނުބުނޭވެ ކަމަށް ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް އެކުލަވާލާފައިވާ އެޖެންޑާ 19 އިން ކުރާނެ އެންމެ މުހިންމު ކަމަކީ ކަރަންޓުގެ އަގު 2.50 ރުފިޔާއަށް ކުޑަކޮށްދިނުން ކަމަށެވެ.
”ކޮންމެހެން 100 ޔުނިޓަކުން މައްޗަށްތޯ އަނެއް ޔުނިޓަކުން މައްޗަށްތޯ ބަލާނެ ކަމެއް ނެތް… މީގެ ޔުނިޓެއް ހަދަން މިއަދު ދުނިޔޭގައި ނުނަގައޭ އިނގޭތޯ މާ ތަން ލާރިތަކެއް…އެޖެންޑާ 19 ކޮށްދޭނެ އެންމެ މުހިންމު އެއް ކަމަކީ 2.50 ކަރަންޓް ޔުނިޓެއް ގެނެސްދިނުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަން ކުރާނަން،“ ނަޝީދު ވިދާޅުވިއެވެ.
މާފުއްޓަށް އައިސްފައިވާ ތަރައްގީ ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، އެރަށުގައި ފެން ޕުލާންޓް ހުޅުވިއިރު ދުވާލެއްގެ މައްޗަށް 50 ޓަނު ބޭނުންކުރި ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 1000 ޓަނު ބޭނުން ކުރަމުންދާ ކަމަށެވެ. އެއާއެކު މާފުށީގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެއްޖެކަން ފާހަގަކުރެއްވިއެވެ.
އަދި ވިދާޅުވީ، އަހަރެއްގެ މައްޗަށް މާފުށިން އެކަނިވެސް ޓެކްސްގެ ގޮތުގައި ދައުލަތަށް އެއް މިލިއަން ޑޮލަރާއި ގާތްކުރާ އަދަދަކަށް ފައިސާ ވައްދާއިރު މާފުއްޓަކީ މިއަދު ހިތުއެޅި ކޮންމެ ކަމެއް ކުރެވޭ ގޮތަށް ނަސީބު އޮތް ރަށެއް ކަމަށެވެ.
އެހެންކަމުން މާފުށީގެ ރައްޔިތުން ދެކެމުން އަންނަ ފަޅު ބޮޑު ކުރުމުގެ މަސައްކަތް ވެސް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ހިޔާލާއެކު ރަށުން ލިބޭ އެއްޗަކުން ކުރިއަށް އޮތްތަނުގައި ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ