ފޮނަދޫގެ މަގުތަކުގައި ހުރި ޖަންގްޝަންތަކުން ނަޖިސް ނިކުންނާތީ، ރައްޔިތުން ކަންބޮޑުވެފައި

ލ.ފޮނަދޫގެ ބައެއް މަގުތަކުގައި ހުރި ޖަންގްޝަންތަކުން ނަޖިސް ނިކުމެ، ރަށު ތެރޭގެ ބައެއް ސަރަހައްދުގައި ނަޖިސްވަސް ދުވަން ފަށައިފިއެވެ.
ފޮނަދޫން "ވަގުތު" އަށް މަޢުލޫމާތު ދެމުން، އެރަށު މީހަކު ބުނެފައިވަނީ، މިއަދު ހަވީރުން ފެށިގެން މަގުތަކުގައި ހުރި ޖަންގްޝަންތަކުން ނަޖިސް ނިކުންނަމުން އަންނަ ކަމަށާއި ބައެއް ގޭގެއިން ވެސް ނަޖިހުގެ އަސަރުތައް ހުރި ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ފޮނަދޫ ކައުންސިލް މެންބަރު އަޙްމަދު ރާމިޒު (ތޯހާ) ވިދާޅުވީ، ފޮނަދޫގެ ބައެއް ސަރަހައްދުތަކުން ނަޖިސް އަރަމުންދާ ކަމުގެ މަޢުލޫމާތު ލިބެމުން އަންނަ ކަމަށާއި އެކަން ހައްލު ކުރުމުގެ މަސައްކަތް ފޮނަދޫ ފެނަކަ ބްރާންޗުން ކުރަމުން އަންނަ ކަމަށެވެ.
"މާ ގިނަ ސަރަހައްދަކުން ނަޖިސް އަންނަ ކަމެއް ރިޕޯޓްކޮށްފައިއެއް ނުވޭ. އެކަން ހައްލު ކުުރުމުގެ މަސައްކަތް ފެނަކައިން ދަނީ ކުރަމުން." ތޯހާ ވިދާޅުވިއެވެ.
"ވަގުތު" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ނަޖިސް އަންނަ މައްސަލަ ހައްލު ކުރުމަށް ފޮނަދޫ އެތެރޭގެ ބައެއް މަގުތައި ހުރި ޖަންގްޝަންތައް މަރާމާތު ކުރަން ޖެހެއެވެ. ނަމަވެސް އެތެރޭ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރޭގައި، ބައެއް މަގުތަކުގައި ހުރި ޖަންސްޝަންތަކުގެ މަތި ނުނެގޭ ގޮތަށް ވަނީ ސިމެންޓް ލޭޔަރއެއް އަޅާފައެވެ. އަދި މި ސިމެންޓް ލޭޔަރ ތަޅާލާ ޖަންގްޝަންގެ މަތި ނެގުމަށް ހައުސިންގް މިނިސްޓްރީގެ ހުއްދައެއް ބޭނުންވެއެވެ. ޖަންގްޝަނުން ނަޖިސް އެރުމުގެ މައްސަލަ މިހާތަނަށް ހައްލުވެފައި ނުވަނީ މިކަމުގެ ހައްލު ނުލިބިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ