މެމްބަރު ޒަމީރު ޕީޕީއެމް އަށް ސޮއިކުރައްވައިފި

ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މޫސާ ޒަމީރު ޕީޕީއެމް އަށް ރޭ ސޮއިކުރައްވައިފި އެވެ.
ޒަމީރު ސޮއިކުރެއްވީ އަލިފުށީގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގަ އެވެ.
މިކަމާ ގުޅޭ ގޮތުން ޒަމީރުގެ ބަހެއް އަދި ނުލިބެ އެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ ޒަމީރު ޕީޕީއެމް އަށް ސޮއިކުރެއްވީ މި ވަގުތު މަޖިލީހުގައި ވެސް އަދި ގައުމަށް ވެސް އެންމެ ރަނގަޅަށް ހިދުމަތް ކޮށްދެވޭނީ ޕީޕީއެމްގައި ހުންނަވައިގެން ކަމަށް ވާތީ ކަމަށެވެ.
ޒަމީރު ޕީޕީއެމް އަށް ސޮއިކުރެއްވުމާ އެކު، މަޖިލީހުގައި ޕީޕީއެމްގެ 19 މެމްބަރުން ތިއްބަވާނެ ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު ޕީއޭ ތަމްސީލްކުރައްވަން ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް އެކަންޏެވެ.
ޕީޕީއެމުން ރ. އަތޮޅަށް ކުރާ ދަތުރަކީ އެ އަތޮޅުގެ އަތޮޅު ކައުންސިލުން ހުސްވެފައިވާ އަލިފުށީ ދާއިރާގެ ގޮނޑިއަށް ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓަށް ކެމްޕޭން ކޮށްދިނުމަށް ކުރާ ދަތުރެކެވެ.
އެ ދަތުރުގައި ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ޔާމީންގެ އިތުރުން ކައުންސިލް ބައެއް މެމްބަރުންނާއި މަޖިލީހުގެ އިތުރު ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ