ކޯނީގެ ރިޕޯޓާ ދިމާކޮށް އައްޑޫ އިއްތިހާދު ތައްޔާރީ ހާލަތުގައި

މި މަހުގެ 30 ވަނަ ދުވަހު ނެރޭ ކޯނީގެ ރިޕޯޓާ ދިމާކޮށް އައްޑޫގައި އެމްޑީޕީން ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާތީ އެކަމާ ދެކޮޅަށް ނިކުންނަން އައްޑޫ އިއްތިހާދުން އޮތީ ތައްޔާރަށް ކަމަށް އެ އިއްތިހާދުން ބުނެފި އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކެއް އެކުލެވޭ އައްޑޫ އިއްތިހާދު އަދި ޕީޕީއެމްގައި އައްޑޫގައި އިސްކޮށް ހަރަކާތްތެރިވާ އިބްރާހީމް ރަޝީދު ވަޖުދީ މިއަދު ވިދާޅުވީ އެ ދުވަހު އައްޑޫ އިއްތިހާދު އޮންނާނީ "އެލާޓް" ގައި ކަމަށެވެ.
"އެމްޑީޕީން އެ ދުވަހު ނިކުމެ ހަމަނުޖެހުން އުފައްދަން މަސައްކަތްކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާތީ އެކަމާ ދެކޮޅަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ރަޝީދު ވިދާޅުވި އެވެ. "އެގޮތުން މިހާރު ވެސް އިއްތިހާދު ތެރޭގައި އެ ދުވަހު ކަންތައްކުރާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރަމުން މި އަންނަނީ. ދެ ދުވަހެއްގެ ތެރޭގައި އަޅުގަނޑުމެން އެ ދުވަހު ކަންތައްކުރާނެ ގޮތް ނިންމާނަން. އެ ދުވަހު އެމްޑީޕީން ނިކުމެ އައްޑޫގައި ހިންގާފާނެ ހަމަނުޖެހުންތަކަށް އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ."
އޭނާ އިތުރަށް ވިދާޅުވީ އެމްޑީޕީން ނިކުމެ އައްޑޫގައި ހުރި ސަރުކާރާއި ރައްޔިތުންގެ އިމާރާތްތަކަށް ގެއްލުން ދީ ރޯ ކުރާ މަންޒަރު "ދެ ވަނަ ފަހަރަށް" ބަލަން އިއްތިހާދުން ނުތިބޭނެ ކަމަށެވެ.
ކޯނީގެ ރިޕޯޓް ނެރޭ ދުވަހާ ދިމާކޮށް އެއްވެސް ހަމަނުޖެހުމެއް އައްޑޫގައި ހިންގަން ފުރުސަތު ނުދޭނެ ކަމަށާއި އެމްޑީޕީން ވެސް އެއްވެސް ހަމަނުޖެހުމެއް ނުހިންގާނެ ކަމުގެ ޔަގީންކަން މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ވަނީ ދެއްވައިފަ އެވެ.
މި ކަމާ ބެހޭ ގޮތުން ރަޝީދު ވިދާޅުވީ ކައުންސިލުން އެފަދަ އަޒުމެއްގައި ތިބިކަމީ އެއީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި ބަޔަކު ހަމަނުޖެހުން ހިންގަން އުޅޭ ނަމަ ކައުންސިލާ ގުޅިގެން އެކަމާ ދެކޮޅަށް މަސައްކަތްކުރާނެ ކަމުގެ ޔަގީން ވެސް ރަޝީދު ވެސް ދެއްވި އެވެ.
"ރައްޔިތުންނާއި ރައްޔިތުންގެ މުދާތައް ހިމާޔަތްކޮށް މި ތަނުގެ އަމާންކަން ދެމެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރެވޭނީ ވެސް ކައުންސިލަށް. އެހެންވެ ކައުންސިލުން އެ އަޒުމުގައި ތިބި ކަމަށްވާނަމަ އަޅުގަނޑުމެން ވަރަށް އުފާކުރަން އެކަމާ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެމްޑީޕީ އަށް އިތުބާރު ނުކުރެވޭނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.
"އެ މީހުންނަކީ ދުވަހަކު ވެސް ބަހާއި އަމަލާ ދިމާވާ ބައެއް ނޫން. އެހެންވީމާ އަދި ހަމަނުޖެހުން ނުހިންގާނެ ކަމަށް ބުންޏަސް އެއަކަށް އަޅުގަނޑުމެންނަށް އިތުބާރެއް ނުކުރެވޭނެ. އެ މީހުންނަކީ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ބައެއް. އެކަމަށް ސަމާލުވެގެން އަޅުގަނޑުމެން ތިބޭނީ،" އޭނާ ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން އެމްޑީޕީ އައްޑޫ ރައީސް އަހުމަދު އަދުހަމް މިއަދު ވިދާޅުވީ ކޯނީގެ ރިޕޯޓް ނެރޭ ދުވަހާ ދިމާކޮށް އެމްޑީޕީން އެއްވެސް ހަމަނުޖެހުމެއް ހިންގަން ރާވާފައިނުވާ ކަމަށެވެ. އަދި އެއީ އެމްޑީޕީން ކުރާނެ ކަމެއް ނޫން ކަމާއި އެފަދަ ކަމެއް ދުވަހަކު ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނިކުންނާނީ ސުލްހަވެރި ހަރަކާތްތަކަށް. އެއްވެސް ހާލެއްގައި އެމްޑީޕީން ހަމަނުޖެހުމެއް ނުހިންގާނެ. އަދި ދުވަހަކު ނުވެސް ހިންގާނެ. އެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެ. އެކަމަކު އަޅުގަނޑުމެންނަށް އެނގިފައި އެބަ އޮތް ބަޔަކު އެ ދުވަހު އީސީސީ (އެކްޓޯރިއަލް ކޮންވެންޝަން ސެންޓަރު( އަށް ގެއްލުންދޭން ރާވަމުންދާކަން،" އޭނާ ވިދާޅުވި އެވެ. "އެއީ ރައްޔިތުންގެ ވަރަށް ބޮޑު އެސެޓެއް. އެތަން ހިމާޔަތްކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ