ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުވާކުރާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް ހައި ކޯޓުން އިއްޔެ ކުރި އަމުރާ ގުޅިގެން ހުޅުމާލޭ ކޯޓުން ބަލަމުންދިޔަ ހުރިހާ ބާވަތެއްގެ މައްސަލަތަކެއް ބެލުން މަޑުޖައްސާލައިފި އެވެ.
ނަޝީދުގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ އަމުރުކުރީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުވާކުރާ މައްސަލައިގައި އެ ކޯޓުން ނިންމި އިޖްރާއީ ނުކުތާތަކެއް ނަޝީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ. އަދި އެ މައްސަލަ ހައި ކޯޓުން ނިމެންދެން އެފަދަ އަމުރެއް ނެރެދިނުމަށް ނަޝީދުގެ ފަރާތުން އެދުމުންނެވެ.
ހުޅުމާލޭ ކޯޓުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ ހައި ކޯޓުގެ އެ އަމުރާ ގުޅިގެން އެ ކޯޓުގެ މަސައްކަތްތަކުގެ ތެރެއިން ވަރިކައިވެންޏާއި ހަޟާނަތާއި އާއިލީ މައްސަލަތަކާއި ގޯތިގެދޮރުގެ މައްސަލަތަކާއި މަދަނީ މައްސަލަތަކުގެ އިތުރުން ޖިނާއީ މައްސަލަތަކާއި ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލަތައް އަދި އެ ކޯޓުގެ ގާނޫނީ ހައިސިއްޔަތާ ގުޅިގެން އުފެދިފައިވާ ސުވާލުގެ ސަބަބުން އަސަރުކުރާނެ ފަދަ އެންމެހާ މަސައްކަތް ވަގުތީ ގޮތުން މަޑުޖައްސާލައިފައިވާ ކަމަށެވެ.
ހުޅުމާލޭ ކޯޓުގެ ގާނޫނީ ހައިސިއްޔަތުގެ މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
ހައި ކޯޓުގެ އަމުރާ ގުޅިގެން ހުޅުމާލޭ ކޯޓުން ހުރިހާ ބާވަތެއްގެ މައްސަލަތަކެއް ބެލުން މަޑުޖައްސާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ