ޕީޕީއެމްއަށް ވެރިކަން ލިބިއްޖެ ނަމަ އިންޑިޔާއިން ރާއްޖެއާ އެކު ކުރިއެކޭ ވެސް އެއްގޮތަށް ރަނގަޅު ގުޅުމެއް ބާއްވާނެ ކަމަށް އެ ގައުމަށް މިހާރު ދަތުރު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އިންޑިއާ ސަރުކާރުގެ ދައުވަތަކަށް މައުމޫން ކުރައްވާ އެ ދަތުރުފުޅުގައި އިންޑިއާގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ ބައިނަލްއަގްވާމީ ބައިވެރިންގެ ތެރެއިން އިންޑިއާ އަކީ ރާއްޖޭގެ އެންމެ މުހިންމު ބައިވެރިޔާ ކަމަށެވެ. ނަމަވެސް މިފަހުން ހިނގި ކަންތައްތަކެއްގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫ އަރާފައިވާ ކަމަށާއި އެ މައްސަލަތަކަކީ ވާހަކަ ދައްކައިގެން ހައްލު ކުރެވިދާނެ ކަންތައްތަކެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
"ރާއްޖޭގެ ރަހުމަތްތެރިއެއްގެ ގޮތުގައި އިންޑިޔާ ދެމިއޮންނާނެ. އިންޑިއާގެ ގުޅުން ރާއްޖެއަށް ވަރަށް މުހިންމު. އިންޑިއާއާ އެކު މިހާރު ހުރި މައްސަލަތައް ހައްލުކުރަން ޖެހޭ. ހާއްސަ ގޮތެއްގައި ޕީޕީއެމް ވެރިކަމަށް އައިސްފިއްޔާ އިންޑިޔާއާ އެކު ކުރީގައި އޮތް ގާތް ގުޅުން އަލުން އުފެދޭނެ. ދޭދޭ ގައުމުތަކާ އެކު އޮންނަ ގުޅުމަށް ދޭންޖެހޭ ކޮމިޓްމަންޓް އަޅުގަނޑުމެން ދޭނަން. ފޮރިން އިންވެސްޓްމެންޓްތައް ހިމާޔަތްކުރާނަން،" މައުމޫން ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި މައުމޫން ވަނީ އިންޑިއާގެ ބޮޑު ވަޒީރު މަންމޯހަން ސިންހާއި ފޮރިން މިނިސްޓަރު ސަލްމާނުލް ހުރުޝިދާ އެކު މަޝްވަރާތަކެއް ބާއްވަވައިފަ އެވެ.
ޖީއެމްއާރު މައްސަލައިގައި މައުމޫން ވިދާޅުވީ ޖީއެމްއާރުގެ އެގްރިމަންޓް ކެންސަލް ކުރުމަކީ ރަނގަޅަށް ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ. އެ އެގްރިމަންޓް ކެންސަލް ކުރުމަކީ އޭރު ރައްޔިތުންނަށް ގަބޫލުކުރެވުނު ގޮތް ނަމަވެސް އެކަމުގެ ސަބަބުން ދިވެހިންނަށް އުނދަގޫތައް ކުރިމަތިވެފައިވާ ކަމަށް މައުމޫން އެއްބަސްވެ ވަޑައިގަތެވެ.
"ހާއްސަކޮށް ބޭހަށް އަންނަ މީހުންގެ ވިސާގެ މައްސަލަ ކުރިމަތިވި. އެކަންތައްތައް ހައްލު ކުރަން އަޅުގަނޑު އެދިފައި ވާނީ. ބޮޑު ވަޒީރު ވަނީ އެކަންތައްތައް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި،" މައުމޫން ވިދާޅުވި އެވެ.
ޗައިނާއިން މި ސަރުކާރާ އެކު ގުޅުން ބަދަހިކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން މައުމޫން ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް ނަމަވެސް އެ ގައުމުގެ އަމިއްލަ ބޭނުންތަކަށް ރާއްޖެ ބޭނުން ކުރުމުގެ އެޖެންޑާއެއް ނުގެންގުޅޭ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އަބަދުވެސް ހިމާޔަތް ކުރާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
ރާއްޖެއަކީ ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ މައްސަލަތަކުގައި ވަކި ކޮޅަކަށް ބުރަވާނެ ގައުމެއް ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. ނަމަވެސް އެމެރިކާއިން ހުށަހެޅި ސޯފާ އެގްރިމަންޓް މައުމޫން ސިފަ ކުރެއްވީ ރާއްޖޭގެ އިސްތިގުލާލަށާއި ސަރަހައްދުގެ ހަމަޖެހުމަށް ހުރި ބިރެއްގެ ގޮތުގަ އެވެ.
"ރާއްޖެއަކީ ވަކި ފަރާތަކަށް ޖެހޭނެ ގައުމެއް ނޫން. ދުނިޔޭގެ ބާރުތަކުގެ މެދުގައި ހިނގާ މައްސަލަތަކުގެ ތެރެއަށް ރާއްޖެ ވަނުމަކީ ކޮންގެން ވާނެ ކަމެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްއަށް ވެރިކަން ލިބިއްޖެ ނަމަ އިންޑިޔާއާ ގުޅުން ރަނގަޅުވާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ