ހުރިހާ އެންމެން ބިރު ފަހަނައަޅައި ދާންވީ – ގާސިމް

ރައްޔިތުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ބިރު ފަހަނަައަޅައި ދާންވީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ދައުލަތައް ގާސިމްގެ ވިލާ ކުންފުނިން ދައްކަން ޖެހޭ 18 މިލިއަން ޑޮލަރު ނުދެއްކުމުން ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒް ކޮށްފައި ވާތީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ގައުމު އިސްލާހުކޮށް، ހަމަމަގަށް އަޅުވަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެކު އަތާ އަތްގުޅާލައިގެން އޭނާ ވެސް ހުންނެވި ކަމަށެވެ. އަދި އިސްލާހީ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގާނޫނީ އިމުގެ ތެރެއިން ބިރުފަހަނައަޅައި ނިކުންނަވަން އޭނާ ގޮވާލެއްވިއެވެ.
"މިއަދު ބިރުވެރިކަމުން ފިތިއްޖިއްޔާ ކިހިނެއްތޯ ވާނީ. އަޅުގަނޑު ދަންނަވާނީ ރައީސް ނަޝީދު ވިދާޅުވާހެން، ރައީސް މައުމޫން ވިދާޅުވާ ހެން ބިރުފަހަނާޅައި ނިކުންނާށޭ އިނގޭތޯ. ގާނޫނީ ހުދޫދުގެ ތެރެއިން ގާނޫނީ އިމުގެ ތެރެއިން ނުކުމެވަޑައިގެން ކެރިވަޑައިގަންނަވާށޭ. އެއީ ފައިދާއަކީ، އެއީ މަންފާއަކީ. އޭގެ ސަބަބުންނޭ ގައުމުގެ ކުރިއެރުން ގެނެސްދޭނީ." ގާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި ތިއްބެވީ ދުވާލަކު ހަފަހަރު މުލިއާގެއަށްދާން ބުންޏަސް ދާ ހިސާބުގައި ތިއްބެވި މެންބަރުން ކަމަށާއި ހަމައެއްޗަކީ "ނަމްބަރސް" ކަމަށެވެ. އެހިސާބުން އެވަނީ ބޮޑުގުޅައަށް ކަމަށާއި އެވެވެނީ ވަކިބައެއްގެ އަޅުންނަށް ކަމަށެވެ. ނަމަވެސް ރައްޔިތުން ހޮވާފައި ތިއްބަވާ މެންބަރުންނަކީ ވަރަށް ގަދަރުވެރި ބައެއް ކަމަށާއި އެކަން އެގޮތަށް ވާންނުޖެހޭ ކަމަށެވެ.
"އޭރުން ކަންކަން ހަމަ ޖެހުނީ. މިއަދު ބޮޑުގުޅަ. ބޮޑުގުޅައަށް ވީމަ ކަމަކު ނުދާނެ." ޤާސިމް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ޤާސިމް ވިދާޅުވީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށް އެކިފަހަރު މަތިން މަސައްކަތް ކުރެއްވި ކަމަށާއި އެކަމަކު ސަރުކާރުން އެކަންކަމަށް އަޅާލާފައި ނުވާ ކަމަށެވެ. އެގޮތުން "އެތަކެއް ސިޓީއެއް ލިޔެ އެތައް ފަހަރަކު ސަލާންޖެހިން" ކަމަށާއި ނަމަވެސް ރައީސް ޔާމީން އަޅުއްވާ ނުލެއްވި ކަމަށް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ