އެ ފައިސާ ހިފައިގެން މެމްބަރުން އަރިހަށް ދިޔައިން: މެމްބަރު އިސްމާއީލް

އެމްއެމްޕީއާރުސީން ހިޔާނާތް ހިމެނޭ ގޮތަށް ދޫކުރި ރަށްރަށުން ލިބިފައިވާ ފައިސާ މެމްބަރުންނަށް ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރަމުން ދަނިކޮށް "އެ ފައިސާ" ހިފައިގެން މެމްބަރުން އަރިހަށް ވަޑައިގެން ފައިސާ ބެއްސެވި ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް އަމިއްލަ އަށް އެއްބަސްވެވަޑައިގެންފި އެވެ. އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސް މަރުހަލާގައި އޭނާ ނިޒާމީ މައްސަލައެއް ނަންގަވައި އެހެން ވިދާޅުވީ އެމްޑީޕީގެ ބައެއް މެމްބަރުންނަށް ދެއްވި ރައްދެއްގަ އެވެ. ވިދާޅުވީ މަޖިލީހުގައި އެކިއެކި ބޭފުޅުން "ވަގުންގެ" ވާހަކަ ދައްކަވަން މާ "ރީއްޗެއް" ނޫން ކަމަށެވެ. ކޮރަޕްޝަނާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި މެމްބަރުންނަށް ރައްދު ދެއްވައި މުހައްމަދު އިސްމާއީލް ވިދާޅުވީ ފައިސާ ހިފައިގެން މެމްބަރުން އަރިހަށް ވަޑައިގަތީ ވެސް ޚުދު އޭނާ ކަމަށެވެ. ނަމަވެސް އެ ފައިސާ ހިފައިގެން ދިޔައީ ކޮން ޕާޓީއެއްގެ މެމްބަރުންގެ އަރިހަށް ކަމަކަށް އޭނާ ވިދާޅެއް ނުވެ އެވެ."މި ތަނުގައި އެކިއެކި ބޭފުޅުން ވަގުންގެ ވާހަކަ އާއި ފައިސާ ނެގި ވާހަކަ ދައްކާކަށް މާ ރީއްޗެއް ނޫން. އެ ފައިސާ ގޯނި ހިފައިގެން އެ ބޭފުޅުން ކައިރިއަށް ހިނގީ އަޅުގަނޑު. އެ ބޭފުޅުން ވަނީ ފައިސާ ކާލައިފައި،" އެމްޑީއޭ އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ވިދާޅުވި އެވެ. މި ގަރާރަށް ބަހުސް ކުރެއްވި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންނާއި ސަރުކާރާ އިދިކޮޅު މެމްބަރުން ވެސް ވަނީ ހިޔާނާތުގެ ފައިސާގައި މެމްބަރުން ހިއްޕެވި ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ބައެއް މެމްބަރުން ވަނީ އެއް މެމްބަރަކު އަނެއް މެމްބަރުންނާ ދިމާއަށް ވަގަށް ގޮވައި ހައްދަވައިފަ އެވެ. އެކަމަކު ބައެއް މެމްބަރުން ވަނީ ފައިސާ ނުލިބޭ ކަމަށް ވިދާޅުވެ އެކަން ދޮގު ވެސް ކުރައްވައިފަ އެވެ.ކުޅުދުއްުފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ބޮޑު ފައިދާއެއް ލިބުނީ މެމްބަރުންނަށް ކަމަށެވެ. އެގޮތުން އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ހޭދަކުރީ ޕީޕީއެމަށް 15 މެމްބަރުން ގަތުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ތުހުމަތު ކުރެއްވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ލިބުނު ފައިސާގެ ތެރެއިން 13 މިލިއަން ރުފިޔާ ލިބިވަޑައިގަތީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށެވެ. ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަކަށް އޮޑިޓަ ޖެނެރަލް ކުރެއްވި ހާއްސަ އޮޑިޓުން އެނގުނު
ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އަގު 79 މިލިއަން ޑޮލަރު (1.2 ބިލިއަން
ރުފިޔާ) އަށް އަރަ އެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތެވެ.ފިނިފެންމާ ލޯންޗުގައި ބޮމެއް ގޮއްވާލައި، ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރިއިރު އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ގިނަ ދައުވާތަކެއް އުފުލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ