ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލުމަށް ހައި ކޯޓުން އިއްޔެ ނެރުނު އަމުރާ ގުޅިގެން، އެ މައްސަލައިގައި ދައުވާލިބޭ ހުރިހާ ބޭފުޅުންގެ ޝަރީއަތްތައް ވެސް މެދުކަނޑާލައިފި އެވެ.
ނަޝީދުގެ ޝަރީއަތް މަޑުޖައްސާލުމަށް ހައި ކޯޓުން އިއްޔެ އަމުރު ނެރުނީ ގާޒީ ބަންދުކުރި މައްސަލަ ބައްލަވާ ހުޅުމާލޭ ކޯޓުގެ ފަނޑިޔާރުން ބެންޗަކީ ސައްހަ ބެންޗެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދި ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުންނެވެ. ކޯޓުން ނެރުނު އަމުރުގައި ވަނީ އެ މައްސަލައިގައި ހައި ކޯޓުން ގޮތެއް ނިންމަންދެން ނުވަތަ ވަކިގޮތަކަށް އަންގަންދެން ނަޝީދުގެ ޝަރީއަތް ކުރިއަށް ނުގެންދިއުމަށެވެ.
ގާޒީ ބަންދުކުރި މައްސަލައިގައި ދައުވާލިބޭ ހުރިހާ ބޭފުޅުންގެ ޝަރީއަތްތައް މަޑުޖައްސާލިކަން ޖުޑިޝަރީން ވެސް މިއަދު ވަނީ ކަށަވަރުކޮށްދީފަ އެވެ.
ގާޒީ ބަންދުކުރި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އިތުރުން ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އަދި ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އެ މައްސަލަ ބައްލަވާ ހުޅުމާލޭ ކޯޓުގެ ބެންޗުގައި ތިއްބަވަނީ ޝުޖާއު އުސްމާނާއި ހުސައިން މަޒީދާއި އަބްދުއްނާސިރު އަބްދުއްރަހީމެވެ. އޭގެ ތެރެއިން ޝުޖާއު އުސްމާނުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިންކަމުގެ ދައުވާއެއް ދައުލަތުން އުފުލި އެވެ. ނަމަވެސް އެ ދައުވާ ޝުޖާއުގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކުރިން ހުކުމްކޮށްފަ އެވެ.
ހުޅުމާލޭ ކޯޓުގެ ބެންޗާ މެދު ގިނަ ބައެއްގެ ސުވާލު އުފައްދަނީ އެ ބެންޗު އެކުލަވާލާފައި ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ކަމަށްވާތީ އެވެ. ކޯޓުތަކުގެ ގާނޫނު ބުނާގޮތުން މައްސަލައެއް ބަލާނެ ފަނޑިޔާރުންނާއި ފަނޑިޔާރުންގެ އަދަދު ކަނޑައެޅުމަކީ އެ ކޯޓެއްގެ އިސް ގާޒީގެ މަސްއޫލިއްޔަތެކެވެ.
ހުޅުމާލޭ ކޯޓުގެ ބެންޗުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް މިހާރު ދަނީ ބަލަމުންނެވެ.
ގާޒީ ބަންދުކުރި މައްސަލައިގެ ޝަރީއަތްތައް ހައި ކޯޓުގެ އަމުރާ ގުޅިގެން މަޑުޖައްސާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ