ވޯޓު ލައްވާނީ މަސީހާ ދެކޮޅަށް ކަމަށް މެމްބަރު އަމީތު ފާޅުގައި އިއުލާނުކުރައްވައިފި

މާދަމަ އަށް ތަވާލްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ވޯޓު ލައްވާނީ އެ މަނިކުފާނާ ދެކޮޅަށް ކަމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަމީތު ފާޅުގައި އިއުލާނުކުރައްވައިފި އެވެ. އަމީތަކީ ޕީޕީއެމްގެ މެމްބަރެކެވެ. އަދި ސަރުކާރުން މަޖިލީހުގައި ނިންމި ނިންމުންތަކުގައި ބައިވެރިވެ ވޯޓު ވެސް ދެއްވާފައިވާ މެމްބަރެކެވެ. މީގެ ދުވަސް ކޮޅެއް ކުރިން ސަރުކާރަށް ފާޑު ވިދާޅުވެ ޓުވީޓް ކުރައްވަމުން އަންނަ އަމީތު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މާދަމާގެ ވޯޓު އޭނާ ލައްވާނީ މަސީހު މަޖިލީހުގެ ރައީސް ކަމުން ވަކިިކުރަން ކަމަށެވެ. މާދަމާ ވޯޓު ލައްވާނެ ގޮތަކާ ބެހޭ ގޮތުން ގޮތެއް ނިންމައި މެމްބަރަކު އެކަން ހާމަ ކުރި މިއީ ފުރަތަމަ މެމްބަރެވެ. ބައެއް މެމްބަރުން މަސީހާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުން ގެންދެވިޔަސް އިދިކޮޅަށް ވޯޓު ދެއްވާނެ ކަމަކަށް ފާޅުގައި ވިދާޅެއް ނުވެ އެވެ. ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ މާދަމާގެ ވޯޓު މަސީހާ ދެކޮޅަށް ދިނުމަށް ތްރީ ލައިން ވިޕެއް ނެރެފަ އެވެ. މާދަމާ ނުވައެއް ޖަހާއިރަށް ޖަލްސާ އެޖެންޑާކޮށްފައިވާ އިރު ފުރަތަމަ އޮންނާނީ ބަހުސް މަރުހަލާ އެވެ. ބަހުސުގެ މަރުހަލާއަކީ ދެ ގަޑި އިރެވެ. އޭގެ ތެރެއިން މައްސަލާގައި ޖަވާބު ދާރީވުމަށް މަސީހުއަށް 30 މިނިޓްގެ ފުރުސަތެއް ދެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ