ސިވިލް ކޯޓުން މައްސަލަތައް ބަލައިގަތުން މަޑުޖައްސާލާފައި އޮތުމަށްފަހު، އެ ޚިދުމަތް ދޭން ނިންމައިފި

ކައުންޓަރެއްގެ މައްސަލައިގައި ސިވިލް ކޯޓުން މައްސަލަތައް ބަލައިގަތުން މަޑުޖައްސާލާފައި އޮތުމަށްފަހު، މައްސަލަތައް ބަލައިގަތުމުގެ ޚިދުމަތް ކޮންމެ ދުވަހަކު އެއްގަޑިއިރަށް ދިނުމަށް އެ ކޯޓުން ނިންމައިފި އެވެ.
ޖަސްޓިސް ބިލްޑިންގެ ގްރައުންޑް ފްލޯގައި ހުންނަ އެ ކޯޓުގެ ކައުންޓަރެއް "އަމުރުވެރި ގޮތަކަށް" ކްރިމިނަލް ކޯޓުގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ބުނެ ސިވިލް ކޯޓުން މައްސަލަތައް ބަލައިގަތުމާއި އެ ކޯޓުގެ ބީސީއާރް2 ޝަރީއަތް ކުރާ ސެކްޝަނުން މައްސަލަތައް ބެލުން މުއްދަތެއް ނެތް ގޮތަށް ހުއްޓާލީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އިއްޔެ ނިންމީ އެ ކައުންޓަރުން ދެމުން އައި ޚިދުމަތް އާންމުންނަށް ފޯރުކޮށްދެވޭނެ ގޮތެއް ހަމަޖެއްސުމުގެ ގޮތުން ޖަސްޓިސް ބިލްޑިންގެ އެންމެ މަތީ ފްލޯގައި ހުންނަ އެ ކޯޓުގެ ކައުންޓަރުން މައްސަލަތައް ބަލައިގަތުމާއި ރަޖިސްޓްރޭޝަންގެ ކަންކަން ކުރާ ގޮތަށެވެ. ނަމަވެސް އެ ޚިދުމަތް ދޭނީ ކޮންމެ ދުވަހަކު ހެނދުނު 8:30 ފެށިގެން 9:30 އާ ހަމައަށް ކަމަށް ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމުގައިވެ އެވެ.
އެ ނިންމުމުގައިވަނީ އެ ކައުންޓަރު ކްރިމިނަލް ކޯޓުގެ ދަށުގައި ހުރުމުގެ ސަބަބުން އެތަނުގައި އެ ކޯޓުން ދެމުންދިޔަ ޚިދުމަތްތައް ދިނުމަށް ބުރޫއަރައި، ގިނަ ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި އެކަން "މެދުވެރިކުރުވި ފަރާތްތަކާ" މަޝްވަރާކޮށްގެން ވެސް އެކަމަށް ހައްލެއް ލިބިފައިނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ.
ސިވިލް ކޯޓުގެ އެ ނިންމުމުގައިވާ ގޮތުން އެ ކައުންޓަރު ކްރިމިނަލް ކޯޓުގެ ދަށަށް ގެންދިޔައީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ކުއްލި ގޮތަކަށް ޖަސްޓިސް ބިލްޑިންގަށް ވަޑައިގެން އެ ކޯޓުގެ އިދާރީ މުވައްޒަފުންނަށް އެކަން އެގޮތަށް ކުރުމަށް އަމުރުކުރައްވައި، އެބައިގެ ތަޅުދަނޑި ހޯއްދެވުމަށްފަހު އެވެ.
ސިވިލް ކޯޓުން އެގޮތަށް ބުނި ނަމަވެސް ކްރިމިނަލް ކޯޓުން އެކަން ދޮގު ކުރެއެވެ. ކްރިމިނަލް ކޯޓުން ބުނެފައިވަނީ އެ ކޯޓުން ބޭނުންކުރަމުންދަނީ އެތަނުގައި ކުރިން ވެސް ހުރި އެ ކޯޓުގެ ކައުންޓަރެއް ކަމަށެވެ. އަދި އެ ކޯޓުން އެ ކައުންޓަރު ބޭނުންކުރަމުންދަނީ ކުށުގެ ރެކޯޑް ސާފުކުރުމަށް ގިނަ ބަޔަކު ހުށަހަޅަމުންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ.
އެ މައްސަލައިގައި އުއްތަމަ ފަނޑިޔާރު ވަނީ އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ