ރައްޔިތުން ހަވާލުކުރި އަމާނާތް ފުރިހަމަވާނީ ދެ އިންތިހާބުގެ އަޣުލަބިއްޔަތު ލިބިގެން: ނައިބު ރައީސް

ރިޔާސީ އިންތިހާބުގައި ޕީޕީއެމާ ރައްޔިތުން ހަވާލުކުރި އަމާނާތް ފުރިހަމަވާނީ ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ސަރުކާރު ހިންގާ ކޯލިޝަނަށް ލިބިގެން ކަމަށް ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ފުވައްމުލަކަށް ފުރާވަޑައިގަތުމުގެ ކުރިން މީޑީއާތަކާ ބައްދަލުކުރައްވައި ވިދާޅުވީ ރައްޔިތުން އެދޭ ކަންކަން ފުރިހަމަކޮށް، ބޭނުންވާ ހިދުމަތް ފޯރުވައިދިނުމަށް ކައުންސިލް އިންތިހާބުގައި ވެސް ސަރުކާރު ކޯލިޝަނަށް ފުރުސަތު ދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މާލޭ ސިޓީ ކައުންސިލަކީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ތަނެއްކަން ފާހަގަކުރައްވައި ވިދާޅުވީ ރައްޔިތުންގެ ބޭނުންތައް ފުއްދައި، ހުރިހާ ރައްޔިތުން ގޮވައިގެން އުޅޭ އުސޫލު އެ ކައުންސިލުން ދައްކާފައިނުވާ ކަމަށެވެ.
"މާލެ ތޮއްޖެހިފައިވުމާއި ރައްޔިތުންނަށް ހިދުމަތް ދިނުމަށް މާލޭގެ ބިންތައް ރައީސް މައުމޫންގެ ސަރުކާރުގައި ވަނީ ޕްލޭންކުރެވި ދޫކުރެވިފައި. ތަފާތު ތަންތަނުގައި ޕާކުތައް ހެދިފައިވަނީ އާއްމުންގެ ހިތްހަމަޖެހުމަށް. އެހެން ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ ސިޔާސަތުގެ ތެރެއިން މި ހުރިހާ ތަނެއް ވަނީ ރެސްޓޯރަންޓްތަކާއި ޕާކުތައް ބަދަލުކޮށްލާފައި. މިއިން ވެސް ދައްކަނީ ރައްޔިތުންނަށް އަޅާލުމެއް ނެތް ކަމާއި ހިދުމަތް ދިނުމަށް ކައުންސިލަށް އެކަން އެނގިވަޑައިނުގަންނަވާކަން،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ މަދު ދުވަސްކޮޅުގެ ތެރޭގައި ކަންކަމުގައި ހެޔޮ ވިސްނުން ގެންގުޅޭކަން މި ސަރުކާރުން ސާބިތުކޮށްދީފައިވާ ކަމަށެވެ. ސަރުކާރުން ހިދުމަތް ދިނުމުގައި އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތުކުރުމެއް ނެތް ކަމަށާއި ހުސް ނުވާ އާސަންދަ ކުރިއަށް ގެންދާއިރު ވެސް ސަރުކާރާ ހިޔާލު ތަފާތުވާ ރައްޔިތަކު ބާކީކޮށްފައި ނުވާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ސްކޮލަޝިޕްތަކާއި އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއު ފަށާފައިވާ އިރު ވެސް އެކަމަށް އެންމެ ބޭނުން ޖެހިފައި ތިބި މީހުންނަށް ފައިދާ ހުރި ގޮތަށް ކުރިއަށް ގެންދަން މަސައްކަތް ކުރެ އެވެ.
"އެއްވެސް ޕްރޮގްރާމެއް ކުރިއަށް ގެންދާއިރު، އެއްވެސް ރައްޔިތެއްގެ މެދުގައި ހަމަހަމަކަމާއި އަދުލުވެރިކަމެއް ނެތި ބާކީކޮށްފައެއް ނުހުންނާނެ. ސަރުކާރުން މިހާ ހިސާބަށް އައިއިރު ހެޔޮ ވިސްނުން ގެންގުޅޭކަން ވަނީ ސާބިތުކޮށްފައި،" އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ކަންކަން ކުރަނީ ސުލްހަވެރިކަން ކުރިއަށް ނެރެގެން ކަމަށާއި ރައްޔިތުންނަށް އަމަންއަމާންކަން މިހާރު އިހްސާސްވަމުންދާނެ ކަމަށެވެ. މަގުމަތި އަމާންވެ މީހުންނަށް އުޅެން ފަސޭހަވެއްޖެ ކަމަށާއި އެކުވެރި އުހުއްވަތްތެރިކަމުގެ މާހައުލެއް އަލުން އިއާދަވުމުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ